04 Oct 2016, 09:46
ވޮޝިންޓަން (އޮކްޓޯބަރު 4): ސީރިއާއަށް ސުލްހަ ގެނައުމަށް އެމެރިކާ އާއި ރަޝިއާއިން ހެދި އެއްބަސްވުމުގައިވާ ގޮތަށް ރަޝިއާއިން އަމަލު ނުކުރާ ކަމަށް ބުނެ، ސީރިއާއަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން ރަޝިއާއާ އެކު ކުރަމުން އައި މަޝްވަރާތައް އެމެރިކާއިން ހުއްޓާލައިފި އެވެ.
އެމެރިކާ އާއި ރަޝިއާއިން އެންމެ ފަހުން ހެދި ސީރިއާގެ ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސީރިއާގައި ހަމަލާ ބަދަލު ކުރުންތައް ކުޑަ ދުވަސްކޮޅަކަށް ހުއްޓާލާފައި އޮތުމަށް ފަހު ރަޝިއާއިން ވާގިވެރިވާ ސީރިއާ ސަރުކާރުން ވަނީ އަނެއްކާ ވެސް ހަމަލާތައް ފަށާފަ އެވެ.
ަސީރިއާއަށް ސުލްހަ ގެނައުމާ ބެހޭ ގޮތުން ރަޝިއާއާ މަޝްވަރާ ކުރުން ހުއްޓާލިކަން އެމެރިކާއިން އިއުލާންކޮށްފައި ވަނީ އެގައުމުން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ. އެމެރިކާ އިން މަޝްވަރާތައް ހުއްޓާލާފައި ވަނީ ރަޝިއާއިން ހަލަބަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާނުލައިފި ނަމަ އެފަދައިން އަމަލު ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ދިނުމަށް ފަހުގަ އެވެ.
ސީރިއާގެ އިރުމަތީ ހަލަބުގައިވާ އެންމެ ބޮޑު ހޮސްޕިޓަލަށް ފާއިތުވި ހަފްތާއެއްހާ ދުވަސް ތެރޭ އެގައުމުގެ އަސްކަރިއްޔާ އިން ވަނީ ތިން ހަމަލާއެއް ދީފަ އެވެ. އެންމެ ފަހުން ދިން ހަމަލާގައި ހަތް މީހަކު މަރުވެ، ހޮސްޕިޓަލް އެއްކޮށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ސީރިއާ ސަރުކާރާ ގުޅިގެން ރަޝިއާއިން ސީރިއާގައި ވައިގެ ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރެވެ. (އަލްޖަޒީރާ)