04 Oct 2016, 11:11
މޮސްކޯ(އޮކްޓޯބަރ 4): އެމެރިކާއަކީ ދުނިޔޭގެ ހަމަޖެހުމާއި ސުލްހައަށް ހުރި ބިރެއްކަމަށް ސިފަކުރުމަށްފަހު، އެމެރިކާއާއެކު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުމަކަށް އަމަލުކުރުން ހުއްޓާލިކަން ރަޝިޔާއިން އިޢްލާންކޮށްފިއެވެ.
މިކަމާބެހޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން ނެރުއްވި ރިޔާސީ ޑިކްރީގައި ބުނެފައިވަނީ، އެމެރިކާއަކީ ޒިންމާދާރު ނިއުކްލިޔަރ ބާރެއްނޫންކަމަށާއި އެމެރިކާގެ އަމަލުތައް ހުންނަނީ ދުނިޔޭގެ ހަމަޖެހުމާއި ސުލްހައަށް ނުރައްކާވާފަދަ ގޮތެއްގައި ކަމަށެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރުން އަލުން ފެށުމަށްޓަކައި ރަޝިޔާއިންވަނީ އެމެރިކާއަށް ޝަރުތުތަކެއް ކަނޑައަޅާފައެވެ.
އެމެރިކާއާއެކު ސޮއިކޮށްފައިވާ ނިއުކްލިޔަރ އެއްބަސްވުންތަކުގެ ތެރެއިން މި އެއްބަސްވުމަކީ ރަޝިޔާއާއި އެމެރިކާގައިވާ ގިނައަދަދެއްގެ ޕްލޮޓޯނިޔަމް (ނިއުކްލިޔަރ ހަތިޔާރު ތައްޔާރު ކުރެވޭފެންވަރުގެ) ނައްތާލުމުގެ އެއްބަސްވުމެކެވެ. ރަޝިޔާގައި 34 ޓަނުގެ ޕްލޮޓޯނިޔަމް ރައްކާކޮށްފައިވާއިރު މިތަކެތި ނައްތާނުލައި އެއިން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ރަޝިޔާ ބޭނުންވެއްޖެނަމަ މިއީ 17 ހާސް ނިއުކްލިޔަރ ބޮން އުފެއްދޭވަރުގެ ޕްލޮޓޯނިޔަމްގެ ސްޓޮކެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔަރ ދެބާރު ކަމަށްވާ އެމެރިކާއާއި ރަޝިޔާއިން މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2000 ވަނަ އަހަރުއެވެ. އެއީ އެ ދެގައުމުގެ ނިއުކްލިޔަރ ހަތިޔާރުގެ ސްޓޮކް އިތުރު ނުކުރުމުގެ ބޭނުމުގައެވެ. މި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައިފިނަމަ އެމެރިކާއަށް އެނގުމެއްނެތި އެތަށް ހާސް ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމުގެ ފުރްސަތު ރަޝިޔާއަށް ލިބިގެންދާނެއެވެ. އަދި ހަމަ މިގޮތަށް މިއެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައިފިނަމަ އެމެރިކާއަށްވެސް މިފުރްސަތު ލިބިގެންދާނެއެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ރަޝިޔާ މިގޮތަށް ކަންތައްކުރި ނަމަވެސް އެމެރިކާއިން އެއެއްބަސްވުމަށް އަމަލުކުރުންމަތީ ދެމިއޮންނާނެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ރަޝިޔާގެ ނިންމުމާމެދު ކަންބޮޑުވާކަން އެމެރިކާ ހާމަކޮށްފައިވެއެވެ.
ރަޝިޔާއަކީ ފަސޭހައިން ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އެންމެ ބޮޑަށް ލިބިފައިވާ ދެގައުމުގެ ތެރޭން އެއްގައުމެވެ. ރަޝިޔާއާ އެއްފެންވަރަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދޭނެ ހަމައެކަނި އަނެއް ގައުމަކީ އެމެރިކާއެވެ. މި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލުމަށް ރަޝިޔާ ނިންމީ ސޫރިޔާގެ ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާއާއެކު މަސައްކަތްކުރުން ހުއްޓާލިކަން އެމެރިކާ އިޢްލާން ކޮށްފައިވަނިކޮށެވެ. އެމެރިކާ ބުނާގޮތުން ސޫރިޔާގެ މައްސަލާގައި މިގޮތަށް ނިންމަންޖެހުނީ ހަލަބްގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގައި ރަޝިޔާގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތުމުންނެވެ.
އެމެރިކާއާއި ރަޝިޔާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަސްކަރީ ދެބާރެވެ. އިގްތިސާދީގޮތުން އެމެރިކާއަށްވުރެ ރަޝިޔާ ބަލިކަށިނަމަވެސް އެމެރިކާއާ އަސްކަރީ ބާރުގެ ގޮތުން ފައިހަމަކޮށްލެވޭ ހަމައެކަނި ގައުމަކީ ރަޝިޔާއެވެ. ރަޝިޔާ މިފަހަކަށް އައިސް ވަނީ އެމެރިކާއަށް ދޫނުދިނުމުގެ ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގައިވެސް ރަޝިޔާ ގެންދަނީ އެތަށް ކަމެއްގައި އެމެރިކާއަށް ބޮޑެތި ހުރަސްތައް ކުރުވަމުންނެވެ. މީގެއިތުރުން ޗައިނާވެސް ވަނީ އެމެރިކާގެ ބައެއް ސިޔާސަތުތަކަށް ބައިނަލްއަގްވާމީ މަހްފަލްތަކުގައި (ޚާއްސަކޮށް އދ. ގައި) ފާޅުގައި ގޮންޖަހަން ފަށާފައެވެ.
ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި ފަހުބަސްބުނާ ހަމައެކަނި ބޮޑު ބާރުކަމުގައި ވުމުގެ ފުރްސަތު އެމެރިކާއަށް މިހާރުވަނީ ގެއްލިފައެވެ. މިއާއެކު ދުނިޔޭގެ ނިޒާމު މިހާރު ވެފައިވަނީ އެއްބާރުގެ ބަދަލުގައި ބޮޑެތި ބާރުތަކެއް (އެމެރިކާއާއި ރަޝިޔާއާއި ޗައިނާ) ބެލަންސް ކުރާ ނިޒާމަކަށް ބަދަލުވެފައި ކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)