07 Jun 2011, 10:23
މިދިޔަ އާދީއްތަ ދުވަހު ހިނގި ހާދިސާއެކެވެ. ސްޓާ ސިނަމާ ކައިރިން މަޖީދީ މަގުގައި އުޅުނީ އެކްސިޑެންޓެއް ހިނގައިގެންނެވެ. ވާނުވާ ބަލައިލަން މަޑުކޮށްލި އިރު ހަލާކުވެފައި އޮތް ސައިކަލަށް ވުރެ ބޮޑަށް އަހަންނަށް އަޅައިގަތީ އެތަނުގައި ތިބި ފުލުހުން ކަންތައް ކުރި ގޮތެވެ. އެކްސިޑެންޓުވި ދެ މީހުންގެ ތެރެއިން އެކަކު، އަނެކަކަށް ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދެމުންދިޔަ އެވެ. ކިތަންމެ ފަހަރަކު އެހެން ބުންޏެވެ. އެކަމަކު ވެސް އެތަނުގައި ތިބި ތިން ފުލުހުންނަށް ވާ ކަމެއް ވެސް ނޫނެވެ. ބިރު ދެއްކުމާއި އިންޒާރު ދިނުން މަނާ ކުރުމަށް، އެކަމަށް ހާއްސަކޮށްގެން ގާނޫނެއް ހަދާފައި އެބަ އޮތެވެ. ނަމަވެސް އެކްސިޑެންޓުވި ތަނަށް ދިޔަ ފުލުހުންނަށް އެއީ އޮންނަ ގާނޫނެއް ކަމެއް އެނގޭ ހެނެއް ހީއެއް ނުވެ އެވެ.
"ޖުމްލަކޮށް ބުނާ ނަމަ ފުލުހުންނަކަށް ގާނޫނެއް ނޭނގޭ. އެހެނެއް ނޫން. ފުލުހުންގެ ތެރޭގައި ވެސް މަދު ބަޔަކު އުޅޭ ގާނޫނު ދަންނަ، ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ. އެކަމަކު އަޅުގަނޑަށް ބުނެވޭނީ، އަޅުގަނޑު ބެލި ބެލިމުން ހަމަ ފުލުހުންގެ ގިނަ މީހުންނަކަށް ގާނޫނެއް ނޭނގެޔޭ،" ދިފާއީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކުޅަދާނެ ވަކީލު އަލީ ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ އޭނާގެ ތަޖުރިބާއަށް ބަލާއިރު ގާނޫނުގައި އޮންނަނީ ކޮން ގޮތަކަށްކަން ނޭނގި ތިބެ ގާނޫނާ ހިލާފަށް ނުވަތަ ގާނޫނުގެ މަގްދަސު ހާސިލްނުވާނެ ގޮތަށް ފުލުހުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ގާނޫނު ތަރުޖަމާ ކުރުމުގައި ވެސް ފުލުހުން ގެންގުޅޭ ވިސްނުން ކަމުނުދާ ކަމަށް ވިދާޅުވެ ބައެއް މިސާލުތައް ވެސް ވަކީލު ދެއްކެވި އެވެ.
"މިސާލަކަށް ބުނާނަމަ ގާނޫނު އަސާސީގައި ބުނެފައި މި އޮންނަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރާ މީހަކު ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމަށްޗަށް ގެންނަންވާނެ ކަމަށް. އެކަމަކު ފުލުހުން އަމަލުތައް ހުންނަނީ ހައްޔަރު ކުރާ މީހާ ވީހާވެސް ގިނަ އިރެއް ކޮށްފައި ކޯޓަށް ގެންދަން. އެމީހާ ގެންދާއިރު ކިރިޔާ ހުންނާނީ 24 ގަޑިއިރު ހަމަނުވެ،" ޖިނާއީ ގިނަ މައްސަލަތަކެއް ކާމިޔާބު ކުރައްވާފައިވާ ވަކީލު ވިދާޅުވި އެވެ. "މިއީ ގާނޫނުގެ މަގްސަދު ގެއްލޭ ކަމެއް. ހަގީގަތުގައި އެގޮތަކަށް ނޫން ފުލުހުން ކަންތައް ކުރަންޖެހޭނީކީ،"
ޝާހުގެ ހިޔާލާއި ގާނޫނީ ވަކީލު ހަސަން ފަލާހުގެ ހިޔާލު ވެސް ގާތްގަނޑަކަށް އެއްގޮތެވެ. ފަލާހު ވެސް ދެކިވަޑައިގަންނަވާ ގޮތުގައި ތަހުގީގުތައް ހިންގުމުގައި ވެސް ފުލުހުންގެ ފަރާތުން ބައެއް މައްސަލަތައް ފާހަގަވެ އެވެ. ހަމައެއާއެކު ފުލުހުންގެ ވަރަށް ރަނގަޅަށް ކޮށްފައިވާ ބައެއް ކަންތައްތައް ވެސް ފަލާހު ފާހަގަ ކުރެއްވި އެވެ.
"ޝީރީންގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގުކޮށްފައި ވަނީ ވަރަށް ރަނގަޅަށް. އެ މައްސަލައިގައި ވަރަށް ގިނަ ހެއްކާއި ގަރީނާތައް ވެސް ހުށަހަޅާފައި އެބަ ހުރި. ހަމައެއާއެކު ފާހަގަކޮށްލަން ޖެހެނީ ގާނޫނު ނެގެހެއްޓުމުގެ ބާރު ދީފައިވާ ފަރާތެއް ކޮށްގެން ނުވާނެ ވަރަށް ގިނަ ކަންތައްތައް ވެސް ފުލުހުންގެ ފަރާތުން ކުރަމުންދާކަމަށް. މިސާލަކަށް ބުނާ ނަމަ މީހަކު ހައްޔަރު ކުރާތަން ވީޑިއޯކޮށްގެން ވެސް މީހަކު ހައްޔަރުކޮށްފައި އެބަ ހުރި،" ޒުވާން ގާނޫނީ ވަކީލު ވިދާޅުވި އެވެ.
އެ ދެ ވަކީލުން ވެސް ވިދާޅުވީ ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރަން ތިބޭ ބަޔަކަށް ވާއިރު އެމީހުންނަށް ގާނޫނު ނޭނގުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ފުލުހުންނަށް ގާނޫނު ނޭނގޭ ނަމަ ގައުމުގެ އަމަން ބެލެހެއްޓުމާއި ރައްޔިތުންނަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ވާޖިބު ފުލުހުންނަށް އެންމެ ރަނގަޅަކަށް އަދައެއް ނުކުރެވޭނެ އެވެ.
އޭގެ އިތުރުން ވަރަށް ޝައުގުވެރި އަދި މުހިންމު އެހެން ވާހަކައެއް ވެސް ކުރިން ވާހަކަ ދެއްކެވި ވަކީލު ޝާހު ފާހަގަ ކުރެއްވި އެވެ. ޝާހު ވިދާޅުވާ ގޮތުގައި ގިނަ ފުލުހުން، ފުލުހުންގެ ވަޒީފާގައި އުޅެނީ ހަމައެކަނި މުސާރައަށެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ "ފުލުހުންނަކީ އެމީހުންގެ މައްޗަށް ތިބޭ މީހުން ބުނާ ގޮތެއް ހަދަން" ތިބޭ ބަޔެކެވެ. ގާނޫނުގައި ކޮންމެ އެއްޗެއް އޮތަސް ވަރިހަމަ އެވެ.
ޝާހުގެ އެވާހަކައކީ ދޮގެކޭ ބުނެވޭކަށް ނެތެވެ. އެކަމަކު މިއީވެސް ވާހަކައެކެވެ. ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމަކީ ގާނޫނު ހުއްދަ ކުރާނެ ކަމެއް ނޫންކަން ހަމަ ބުއްދި ހުރި ބަޔަކަށް ނަމަ އެނގެންޖެހޭނެ އެވެ. މުސްތަގިއްލު ކޮމިޝަނެއް ކަމަށްވާ ޖުޑީޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ ހިސޯރު ކުރުމަކީ ޑިމޮކްރެޓިކް ގައުމެއްގައި ކުރެވޭނެ ކަމެއް ނޫންކަން ވެސް ހަމަ ބުއްދި ހުރި މީހުންނަށް ވިސްނެންޖެހޭނެ އެވެ. އެކަމަކު ވެސް ފުލުހުންގެ ބަޔަކު ވަނީ އެކަންތައްތައް ކޮށްފަ އެވެ. އެ ކަންތައްތަކަށް ވިސްނާލުމުން، ގާނޫނުގައި ކޮންމެ އެއްޗެކޭ އޮތް ނަމަވެސް އެމީހުންގެ މައްޗަށް ތިބޭ ފުލުހުން ބުނާ ގޮތެއް ހަދަނީއޭ ހަމަ ހަގީގަތުގައި ވެސް ހީވެދާނެ އެވެ.
އެކަމަކު ދެ ވަކީލުންގެ ވާހަކައަށް ފުލުހުން އެއްބަހެއް ނުވެ އެވެ. އަދި ފުލުހުންނަށް ގާނޫނު އުނގަންނައިދިނުމަށް ފުލުހުންގެ އިދާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މީޑިޔާ އޮފިޝަލު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެކި ފުލުހުންނަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ކަމުން ކޮންމެ ފުލުހަކަށް ވެސް އެ ފުލުހެއް މަސައްކަތް ކުރާ ދާއިރާއާ ގުޅޭ ގާނޫނުތައް އުނގަންނައިދީފައިވާނެ ކަމަށެވެ.
"ރެކްރޫޓްމަންޓް ކޯހުގައި ހުންނާނެ ޖެނެރަލްކޮށް ގާނޫނު ދަސްކޮށްދީފައި. އެކަމަކު ފުލުހުންނަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުން ކަމުން އެ ފުލުހަކު މަސައްކަތް ކުރަންޖެހޭ ދާއިރާއަކަށް ބޭނުންވާ މައުލޫމާތުތައް އެމީހުންނަށް އެނގޭނެ،" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ. "ދެން މައްސަލައެއް ދިމާވެއްޖެއްޔާ ކޮންމެ ގާނޫނަކަށް ވެސް ރިފާ ކުރެވޭ ވަރަށް ޑޮކިއުމެންޓް ހުންނާނެ ލިބެން."
ދެ ވަކީލުންގެ ވާހަކަ އާއި ފުލުހުންގެ ބަސް ވަރަށް ވެސް ތަފާތެވެ. އެކަމަކު އެނގޭ އެއްޗަކީ ފުލުހުންނަކީ ގާނޫނުތައް ތަންފީޒު ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމުން އެމީހުންނަށް ގާނޫނު އެނގުމަކީ ހަމަ ކޮންމެހެން ވެސް ލާޒިމު ކަމެއް ކަމެވެ.