04 Oct 2016, 05:24
ސީރިޔާއާއި އިރާގުގައި ހަރަކާތްތެރިވަމުންދާ ހައްދުފަހަނައަޅާފައިވާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީގެ އިތުރުން އެ ޖަމާއަތުގެ އިސް ތިން ލީޑަރެއްގެ ކެއުމަށް ޒަހަރު ލައިފިއެވެ.
ރަޝިއާގެ ސްޕުތްނިކް ނޫހާ ހަވާލާދީ މީޑިއާތަކުން ބުނާގޮތުގައި، ބަގުދާދީގެ ކެއުމަށް ޒަހަރު ލާފައިވަނީ ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ނިނެވާ ސިޓީގެ ބިއާޖު ޑިސްޓުރިކްޓުގައި ހުއްޓައެވެ.
ޒަހަރު ލާފައިހުރި ކާއެއްޗެހި ކެއުމުގެ ސަބަބުން ބަގުދާދީ އާއި އައިއެސް ޝޫރާ ކައުންސިލުގައި ހިމެނޭ އިސް އެ ތިން ލީޑަރުން ވަރަށް ބޮޑަށް ވިހަވެ، ސީރިއަސްވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
އެ ހަތަރު މީހުން ވެސް މިހާރު ވަނީ ފަރުވާއަށާއި ރައްކާތެރިކަމަށްޓަކައި ސަލާމަތްތެރިކަމާއެކު ރައްކާތެރިނަކަށް ގެންގޮސްފައެވެ. ނަމަވެސް ގެންދިޔަ ތަނަކާއި ވިހަވި އައިއެސްގެ ލީޑަރުންގެ ނަމެއް އަދި ނޭނގެއެވެ.
އިރާގީ މީޑިއާ ނިއުސް އެޖެންސީއަށް މައުލޫމާތުދިން މަސްދަރަކުން ބުނީ، ބަޣުދާދީގެ ކެއުމަށް ޒަހަރުލީ ބަޔަކު ހޯދުމަށް މީހުން ހައްޔަރުކުރަމުންދާ ކަމަށެވެ.
އައިއެސްގެ ނަމުގައި ހަރަކާތްތެރިވި ޖަމާއަތުން އުފައްދާފައިވާ ދައުލަތުގެ ވެރިޔާ އަބޫބަކުރު އަލް ބަޣުދާދީ އަކީ އެމެރިކާގެ ފަރާތުން 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރަސްމީކޮށް ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހެކެވެ.
އަދި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ޒަހަމްކޮށްލާފައިވާ ކަމަށް އަޑު ފެތުރުނު ބަޣުދާދީ މަރާލަން ނުވަތަ ހައްޔަރުކުރުމަށް މައުލޫމާތުދޭ ފަރާތަކަށް އެމެރިކާ އިން ވަނީ 10 މިިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައެވެ.