04 Oct 2016, 08:42
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން ހަތަރެއްގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ކ. ގުރައިދޫގެ މައްޗަށް އދ. މަހިބަދޫން ކުރި ހޯދައިފިއެވެ.
ރަށުން ބޭރުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ލެގު މެޗުގައި ގުރައިދޫގެ މައްޗަށް މަހިބަދޫން ކުރި ހޯދާފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު ފެށުނުތާ މާގިނައިރުތަކެއް ނުވަނީސް މަހިބަދޫން ލަނޑު ޖަހާފައިވެ އެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި މަހިބަދުއަށް އެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ މުހައްމަދު ޖުނައިދެވެ.
ޒޯން ހަތަރެއްގެ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އދ. މަހިބަދޫގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ މެޗަށްފަހު އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
ގުރައިދޫން ޒޯން ހަތަރަކުން ޖާގަ ހޯދާފައިވަނީ ކ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި މަހިބަދޫން ޒޯން ހަތަރަކުން ޖާގަ ހޯދާފައިވަނީ އދ. އަތޮޅުގެ ޗެމްޕިއަނުންގެ ގޮތުގައެވެ.