04 Oct 2016, 00:56
ސިލްކީ ޝާކް ނުވަތަ އޮއިވާލި މިޔަރަކީ ހިމާޔަތް ކޮށްފައިވާ ދިރުމެއްގެ ގޮތުގައި ކަނޑައެޅުމަށް، ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އޮފް އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް މުއާހަދާ)ގެ ކޮންފެރެންސް އޮފް ޕާޓީސްއަށް ރާއްޖޭން ހުށަހެޅި ހުށަހެޅުން ބޮޑު އަޣުލަބިއްޔަތަކާއެކު ފާސްކޮށްފިއެވެ.
އޮއިވާލި މިޔަރު ނުވަތަ މަސް އައިނު މިޔަރޭ ވެސް ކިޔާ އުޅޭ އެ މިޔަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމާޔަތް ކުރެވިފައިވާ މިޔަރެއްގެ ގޮތުގައި ކަނޑައެޅުމަށް 27 އޭޕްރިލް 2016 ވަނަ ދުވަހު ރާއްޖޭން ހުށަހެޅި އެ ހުށަހެޅުން ފާސްކޮށްފައިވަނީ އެފްރިކާގެ ޖޮހެނެސްބާގްގައި މިހާރު ކުރިއަށްދާ ސައިޓީސްގެ މެމްބަރު ގައުމުތަކުގެ 17 ވަނަ ބައްދަލުވުމުގައެވެ.
.@CITES#CoP17agrees in Committee to include silky#sharkin Appendix IIpic.twitter.com/1dkaxJTOkj
— CITES (@CITES)October 3, 2016
އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޮއިވާލި މިޔަރު ހިމާޔަތްކުރުމަށް ރާއްޖޭން ހުށަހެޅި ހުށަހެޅުން ފާސްކޮށް، ސައިޓީސްގެ "އެޕެންޑިކްސް 2" ގައި އެ ބާވަތުގެ މިޔަރު ހިމަނަން ފާސްކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމުގައި ރާއްޖޭން ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިވަނީ މެމްބަރު 181 ގައުމުގެ ތެރެއިން 118 މެމްބަރުން ހުށަހެޅުމަށް ތާއީދުކޮށް ވޯޓު ލުމުންނެވެ.
ސައިޓީސްގެ "އެޕެންޑިކްސް 2" ގައި ހިމެނޭނީ އެ ޖަނަވާރެއްގެ އާބާދީ މަދުވެދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން، އެ ޖަނަވާރުގެ ވިޔަފާރި ވަކި ލިމިޓަކަށް ކުރުމުގެ ހުއްދަ ދީފައިވާ ޖަނަވާރުތަކެވެ.
އޮއިވާލި މިޔަރަށް މަސް އައިނު މިޔަރޭ ވެސް ކިޔައެވެ. މި ބާވަތުގެ މިޔަރު އެންމެ ގިނައިން ފެންނަނީ ކަނޑުމަހުގެ ބާވަތުގެ މަސް އައިނުތަކާ އެކުގައާއި، ކަނޑުގައި ހިނގާ އޮއިވާލި ތަކުގެ ދަށުގައި އުޅޭ އައިނުތަކާ އެކުގައެވެ.
އެފްރިކާގެ ޖޮހެނެސްބާގްގައި މިހާރު ކުރިއަށްދާ ސައިޓީސްގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމަށް ދުނިޔޭގެ އެކިއެކި ގައުމުތަކުން ވަނީ 13 ވައްތަރެއްގެ މިޔަރާއި މަޑިއަކީ ހިމާޔަތް ކުރެވިފައިވާ ބާވަތްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފައެވެ.
އޭގެ ތެރެއިން ޕެސިފިކް ޖަޒީރާ ފިޖީއިން ވަނީ، ނުވަ ބާވަތެއްގެ މަޑި ހިމާޔަތް ކުރުމަށް ކޮޕް17 އަށް ޕްރޮޕޯޒަލް ހުށަހަޅާއިފަ އެވެ. އަދި ސްރީ ލަންކާއިން ވަނީ ކަނޑި މިޔަރު (ތުރެޝާ ޝާކް) ހިމާޔަތް ކުރުމަށް ހުށަހަޅައިފައެވެ.