މާލޭގެ ހަ ވަނަ އަވަށް ކަމުގައިވާ ހުޅުމާލެއިން ވަރަށް ހެޔޮ އަގުގައި ކޮޓަރިއެއް ލިބޭގޮތް ވެއްޖެ އެވެ. ހަނި ދިގުކޮށް ހަދާފައިވާ އެ ކޮޓަރީގެ އަގު އިންތިހާއަށް ހެޔޮވުމުން ވާގޮތްބެލި އިރު މިއީ އެތައް ބައެއްގެ ބޭނުމަށް އޮތް ޖާގައެއް "ވެރިކޮށް" ލައިގެން ބަޔަކު ވިޔަފާރިއެއް ކުރަނީ އެވެ. ހަމަ އެއާ އެކު ފާހަގަކުރެވުނު އަނެއް ކަމަކީ، ބަޔަކު މީހުން މިވަނީ ހުޅުމާލޭގެ ގޮނޑުދޮށް ހިޞާރުކޮށްފަ އެވެ. އެމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް، އެއްވެސް އުސޫލެއް ނެތި ބަޔަކު ދަނީ ގަވައިދާ ހިލާފަށް އެ ގޮނޑުދޮށްތަކުގައި ކެފޭތަކާއި އެނޫން ވިޔަފާރިތައް ހިންގަމުންނެވެ.

ހުޅުމާލޭގައި ފުރަތަމަ އަޅާފައިވާ ފްލެޓުތަކުގައި ހުސްޖާގަ ބޭއްވުމަށް ފުލެޓުގެ ތިރިން ބޮޑު ހުސްބިމެއް ވަނީ ބާއްވާފަ އެވެ. އެ ޖާގަ ބާއްވާފައި ވަނީ ފުލެޓުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ލާބަ ލިބޭ ގޮތަށް ބޭނުން ކުރުމަށާއި ކުއްލި ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބޭނުން ކުރުމަށެވެ. ނަމަވެސް ކަން ހިނގަނީ އެގޮތަކަށް ނޫނެވެ. ތިރީ ބައިގައި ދިރިއުޅޭ ފަރާތުގެ އަމިއްލަ ބޭނުމަށް އެޖާގަ ވެރިކޮށްލަނީ އެވެ. ހަމަ އެހެންމެ މާލޭގެ ސިނަމާލެ1ގައި ވެސް ކަން ހިނގަނީ އެ އުސޫލުންނެވެ.

ފްލެޓުގެ ގޯތި ތެރޭގައި އޮންނަ އެ ހުސް ޖާގަ ބަންދުކޮށްގެން އެއްބަޔަކު ކޮޓަރި ހަދައި ކުއްޔަށް ދޭއިރު އަނެއް ބަޔަކު އެމީހުންގެ ގުދަނުގެ ގޮތުގައި އެތަންތަން ދަނީ ބޭނުން ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޖާގަ އެގޮތަށް ބޭއްވުމުގެ މަގުސަދު ހާސިލެއް ނުވެ އެވެ.

ކުއްލިހާލަތްތަކަށް އޮތް ނުރައްކަލެއް!

އަލިފާނުގެ ހާދިސާއެއް ނުވަތަ އެ ނޫންވެސް ނުރައްކާތެރި ހާދިސާތަކުގައި އެންމެ ބޮޑު ގެއްލުމެއްވާ އެއް ތަނަކީ މާލެއެވެ. ސަބަބަކީ އެއް އިމާރާތް އަނެއް އިމާރާތާއި ފިތިބާރު ވެފައި ހުރުމުން އަލިފާންގަނޑު ފެތުރެން ފަސޭހަވުމާއި އަލިފާން ނިއްވުމަށް ދަތިތަކާ ކުރިމަތިވުމެވެ. ހުޅުމާލޭގައި ހަދާ އިމާރާތްތަކުގައި ހުސް ޖާގައެއް ބާއްވާފައި އޮންނަނީ އެ މަގުސަދަށް ކަމަށްވާ އިރު ބަޔަކު އޭގެ ބޭއްނުން ނާޖާއިޒު ގޮތުގައި ހިފުމަކީ އެނުރައްކަލަށް އޮތް މަގެކެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ޑިރެކްޓަރު އިސްމާއިލް ޝާން ރަޝީދު ވިދާޅުވީ، އެޖާގަތައް ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ ބޮޑު ކަމަށާއި އެކަމުގެ ސަބަބުން ފްލެޓުތަކުގެ މަރާމާތަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ.

"މިގޮތަށް ތަންތަން ހަދާފައި ހުންނާތީ ފްލެޓުތަކުގެ މަތީގައި ތިބޭ ފަރާތްތަކަށް ކަމެއް ދިމާވިޔަސް އަޅުގަނޑުމެން މެއިންޓެނަންސް ޓީމަކަށް އެކްސަސް ނުވެވޭ. މިއީ ވަރަށް ބޮޑު ދައްޗެއް،" ޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެގޮތަށް އެ ޖާގަތައް ބޭނުންކުރާތީ އަލިފާނުގެ ހާދިސާއެއް ކުރިމަތިވިޔަސް ނުރައްކާތެރިކަން ބޮޑުވެގެންދާނެ ކަމަށެވެ.

ބިން ބޭނުންކުރަންވާނީ އެންމެންގެ ރައްކަލަށް!

ފްލެޓުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަމަށް އޮތް އެ ޖާގައިގެ ބޭނުން ނަހަމަގޮތުގައި ހިފާ އިރު އެކަމުގެ ޝަކުވާ ވަރަށް ގިނައިން އެ ކޯޕަރޭޝަންއަށް ހުށަހަޅަމުން އަންނަ ކަމަށާއި މިހާތަނަށް އެފަދަ 116 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ޝާން ވިދާޅުވި އެވެ.

"ވަރަށް ބޮޑު މައްސަލައަކަށް ވޭ، ފްލެޓުގެ ތިރީގައި އުޅޭ ފަރާތްތަކުން އެ ޖާގަ ބޭނުންކުރާއިރު ފުލެޓުގެ އަނެއް ތިން ފްލޯގައި އުޅޭ ފަރާތްތަކުން ވެސް މައްސަލަ ޖައްސާ. އެބޭފުޅުން ވެސް ހަމަ އެޖާގަ ބޭނުންވާނެ ނޫންތޯ،" ޝާން ވިދާޅުވި އެވެ.

އެޗްޑީސީން މައުލޫމާތު ދޭގޮތުގައި ފްލެޓްތަކުގައި ބާއްވާފައި އޮންނަ ހުސް ޖާގަ ބޭނުންކުރަންޖެހޭނީ އެތަނުގައި ދިރިއުޅޭ އެންމެންގެ ބޭނުމަށެވެ. އެގޮތުން ހިތްހަމަ ޖައްސާލުމަށް ނުކުމެ އުޅުމަށް ޕާކެއް ހެދުމަށް ނުވަތަ ޕާކިން ޒޯނެއް ހެދުން ފަދަ ކަންކަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެކަންވެސް ކުރަންޖެހޭނީ ރައްކާތެރިކަން އިސްކޮށްފަ އެވެ.

ހުޅުމާލޭ ހުސްބިން ނަހަމަގޮތުގައި ބޭނުންކުރުން އިތުރު!

ހިތް ފަސޭހަ ދިރިއުޅުމަކަށް ހުޅުމާލޭގައި ފަހުން ހަދާފައިވާ ފްލެޓުތަކުގައި ވެސް ހުސްޖާގަ ދޫކޮށްފައިވާ އިރު އެ ޖާގަތަކުގައި ވެސް ދަގަނޑު ޖަހައި ބަންދުކޮށް ވަކި މީހެއްގެ ބޭނުމަށް ބޭނުން ކުރުމަކީ އާންމު ކަމެކެވެ.

ހަމައެހެންމެ ހުޅުމާލޭގެ ހިތްފަސޭހަ ގޮނޑުދޮށްތައް ކެފޭތަކާއި ގެސްޓްހައުސްތަކުން ގަވައިދާ ހިލާފަށް ބޭނުން ކުރުމަކީ ވެސް ވަރަށް އާންމު ކަމެކެވެ. ކެފޭތަކުން ދަނީ އެއްވެސް ހުއްދައަކާއި ނުލައި ގޮނޑުދޮށްތަކުގައި ގޮނޑި މޭޒު ޖަހައި ކެފޭ ހިންގަމުންނެވެ. ގެސްޓްހައުސްތަކުން، އެތަންތަނަށް ޒިޔާރަތްކުރާ މެހެމާނުންނަށް އިތުރު ހިދުމަތްތައް ދިނުމުގެ ގޮތުން، އެ ގެސްޓްހައުސްތަކުގެ ކުރިމަތީގައި އޮންނަ ގޮނޑުދޮށުގެ ސަރަހައްދުގައި ގޮނޑިމޭޒު ބަހައްޓައި ސަރަހައްދު ބަންދުކޮށް ހަދާފައިވެސް ހުރެ އެވެ. ނަތީޖާއެއްގެ ގޮތުން މީހުން ހިތް ފަސޭހަ ކުރުމަށް ފުރުސަތެއް ނުލިބެ އެވެ.

"ވަރަށް އުނަދަގޫވޭ. ފޫހިފިލުވާލާ ހިތްހަމަޖައްސާލުމަށް، އާއިލާ މީހުންނާއި ޅަދަރިން ގޮވައިގެން ދާއިރު އެތިބެނީ ސިގިނރޭޓް ބޯން. ނޫނީ ހުތުރު ބަހުން ވާހަކަ ދައްކަން،" ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ހުޅުމާލޭގައި އާންމުކޮށް މަހެއްގެ މައްޗަށް 30،000 ރުފިޔާގެ ކުލި ދައްކައިގެން ރެސްޓޯރެންޓްތައް ހިންގާއިރު ގޮނޑުދޮށުގައި ހަދާފައި ހުންނަ ކެފޭތަކުން ހިތްގައިމު ދޮންވެލިގަނޑު ހިފައި އެ ވިޔަފާރިކުރަނީ ކުލީގެ ގޮތުގައި އެންމެ ފައިސާފޮއްޗެއް ވެސް ހަރަދު ނުކޮށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކުރިން ވިދާޅުވީ، އެކަން ނުހުއްޓުވި ވަނީ ހުޅުމާލޭގެ މުނިސްޕަލް ގާނޫނެއް ނެތުމުން ކަމަށެވެ.

އެންމެންގެ ރައްކަލަކަށް އަދި ހިތްހަމަޖެހުމާއި އުފަލަށް ހަދާފައި ހުންނަ ތަންތަން، "އަޑުގަދަމީހާގެ ރުއް ގިނަވާނެއޭ" ބުނާ އުސޫލުން، ތިމާ ހިތުހުރި ގޮތަކަށް އަމިއްލަ ބޭނުމަށް އެތަންތަން ބޭނުން ކުރަމުން ދަނީ އެވެ. ހަމައެއްލަމައެއް ނެތި ހިތުހުރިގޮތަކަށް ބަޔަކު އެފަދަ ކަންކަން ކުރަމުންދާއިރު، އެކަންކަމަށް ފިޔަވަޅުއަޅައި ހައްލު ނުހޯދެވުމަކީ ހިތާމަހުރިކަމެކެވެ.