މޯލްޑިވިއަން އިން ސްޕޮންސާކުރި ތިން ދިވެހިން ބުރަ އުދަނގޫ ދަތުރަކަށް ފަހު ދުނިޔޭގެ އެންމެ އުސް ފަރުބަދައިގެ ބޭސް ކޭމްޕުގައި ދިވެހި ދިދަ ވިހުރުވާލައިފި އެވެ.

ގައުމީ އެއާލައިން ސްޕޮންސާކޮށްގެން ކުރިއަށްގެން ދިޔަ އެ ހަރަކާތުގައި ބައިވެރިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާޕާސަން އަދި ވިޔަފާރިތަކަށް ހާއްސަ ކޮންސަލްޓެންސީގެ ހިދުމަތްދޭ އެފްޖޭއެސް ކޮންސަލްޓިންގެ ވެރިޔާ ފަރީހާ ޝަރީފާއި އެފްޖޭއެސްގެ ސީއީއޯ ހާމިދު ސޯދިގު އަދި ޔޫއެންޑީޕީގައި މަސައްކަތްކުރާ އަބްދުﷲ ވަހީދެވެ.

ފަރުބަދަ ތަންތަނަށް އެރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ނަމަވެސް ދަތުރަށް ހާއްސަ ތަމްރީންތަކެއް ހަދައިގެން ދިޔަ އެ ތިން މީހުން މައުންޓް އެވަރެސްޓުގެ ހުޅަނގު ބޭސް ކޭމްޕަށް އަރާ ދިވެހި ދިދަ ވިހުރުވާލާފައި ވަނީ އަށް ދުވަހުގެ ދިގު ބުރަ ދަތުރަކަށް ފަހު، އިއްޔެ އެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕަށް އެރުމަށް ފަހު މޯލްޑިވިއަން އިން ސްޕޮންސާކުރި ތިން ދިވެހިން މޯލްޑިވިއަންގެ ބެނާއެއް ހިފަހައްޓައިގެން --- ފޮޓޯ/ ފަރީހާ

މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕަށް އެރުމަށް ފަހު ފަރީހާގެ ފޭސްބުކް ޕޭޖުގައި އިއްޔެ ބުނެފައި ވަނީ، އެންމެން ވެސް ތިބީ ވަރަށް ވަރުބަލިވެފައި ކަމަށެވެ. ނަމަވެސް އުހަށް އަރަންޖެހުމުގެ ސަބަބުން ހާމިދު ކޮންމެވެސް ވަރަކަށް ބަލިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އަދި ތިން ދިވެހިން އެތަނަށް އެރި އިރު ކޮންމެވެސް ވަރަކަށް ސްނޯ ވެހެންމުން ދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.

ފަރީހާ އާއި ހާމިދު އަދި ވަހީދު މައުންޓް އެވަރެސްޓަށް އެރުމަށް ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އަށް ފުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އަދި އޭގެ ދެ ދުވަސްފަހުން މައުންޓް އެވަރެސްޓަށް އެރުމަށް ފެށުމުގެ ކުރިން މީހުން އާއްމުކޮށް މަޑުކޮށްލައިގެން ތިބޭ ލޫކާ އަށް ކަތަމަންޑޫއިން ފްލައިޓެއްގައި ވަނީ ގޮސްފަ އެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕަށް އެރުމަށް ފަހު މޯލްޑިވިއަން އިން ސްޕޮންސާކުރި ތިން ދިވެހިން ދިވެހި ދިދަ ވައިގެ ތެރޭގައި ވިހުރުވާލަނީ --- ފޮޓޯ/ ފަރީހާ

މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެން 5،364 މީޓަރު (17،598 ފޫޓް) އުސް އަދި ފިނި މިން ފަސް ޑިގްރީގައި ހުންނަ ތަނެކެވެ. އެމަގަކީ އެވަރެސްޓް ހިމެނޭ ހިމާލަޔާ ފަރުބަދަތަކަށް އެރުމުގައި އެންމެ ގިނައިން ބޭނުންކުރާ މަގެވެ.

އެގޮތުން މިދިޔަ އަހަރު ނެގި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަހަރަކު 40،000 މީހުން ލުކްލާ އެއާޕޯޓުން މައުންޓް އެވަރެސްޓުގެ ބޭސް ކޭމްޕަށްދާ ކަމަށްވެ އެވެ.