03 Oct 2016, 22:16
ކުރިޔަށް އޮތް ތަނުގައި އާންމުންގެ ބައެއް ފަރާތްތައް، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ކުރާ ސައިޓަށް ޒިޔާރަތްކޮށް، އެތަން ބަލާލުމަށް ވަނުމުގެ ފުރުސަތު ދެއްވާނެ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ސަރުކާރުގެ ހަތް ވަޒީރަކާއި މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިން ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ހިނގާ ސަރަހައްދަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތް ކުރިޔަށް ދާ ގޮތް ބަލާލައިފަ އެވެ.
ބުރިޖަށް މިއަދު ޒިޔާރަތް ކުރެއްވި ވަޒީރުންގެ ތެރޭގައި ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް، ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، އެންވާރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.

ސަރުކާރުގެ ބައެއް ވަޒީރުން ޗައިނާ މޯލްޑިވްސް ބުރިޖު ސައިޓުގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު
މިނިސްޓަރުންނަށާއި މީޑިއާއަށް ދިން ޓުއާއަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުރިހާ ވަޒީރުން ވެސް ތިއްބެވީ ބުރިޖުގެ މަސައްކަތް ކުރިޔަށް ދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށެވެ.
އަދި ވަޒީރުންނާއި ސިޔާސީ ބޭފުޅުންގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް އެ ސައިޓަށް ޒިޔާރަތްކޮށް، އެތަނުގެ މަސައްކަތްތައް ބަލާލެވޭނެ ފުރުސަތު ވަރަށް އަވަހަށް ފަހި ކޮށްދޭނެ ކަމަށް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ކުރިޔަށް އޮތް ތަނުގައި، މަސައްކަތަށް ދަތި ނުވާނެ ގޮތަކަށް، ތާވަލު ކުރެވިގެން ރައްޔިތުންގެ ތެރެއިން، ސްކޫލު ކުދިންނާ އެކި އުމުރުފުރައިގެ ފަރާތްތަކަށް ވެސް [މިތަން ބަލާލަން އައުމަށް] ފުރުސަތު ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބުރިޖުގެ މަސައްކަތަކީ ހުރިހާ ރައްޔިތުންނަށް ކޮށްދޭ ތާރީޚީ މަސައްކަތެއް ކަމަށާއި އެ މަސައްކަތް ދާ ގޮތް ބަލާލައި، އެކަމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވެސް ދިނުމަށް ބޭނުންވާ ކަމަށެވެ.
ހައުސިންގް މިނިސްޓަރު މީގެ އިތުރުން ވިދާޅުވީ މާލޭ އަޑި ޕާކު ކުރިމަތިން ވާ ކަހަލަ ގޮތަކަށް "ބުރިޖު ވިއުއިންގް ޕްލެޓްފޯމު" އަޅަން ނިންމާފައިވާ ކަމަށާއި އެއީ ސަރުކާރުން އެއްވެސް ޚަރަދެއް ކުރުމަކާ ނުލައި، ސަރުކާރަށް އާމްދަނީ ލިބޭނެ ވަސީލަތެއް ކަމަށެވެ.
އެ ޕްލެޓްފޯމު އެޅުމަށް ހައުސިންގް މިނިސްޓްރީން ވަނީ، ބިޑު ޕްރޮސެސްއަކަށް ފަހު، ކުންފުންޏާ މިދިޔަ މަހުގެ ތެރޭގައި ހަވާލުކޮށްފަ އެވެ.
"އަޅުގަނޑު ވަރަށް ހައިރާންވޭ. ވަރަށް ސާފުކޮށް އެ ދުވަހު ވެސް ބުނިން ސަރުކާރުން އެއްވެސް ޚަރަދެއް ކުރާ ކަމެއް ނޫނޭ އެއީ. އެއީ ޑިވެލޮޕަރު ލޯނެއް ނަގައިގެން އެތަނުގައި އިންވެސްޓްކޮށް، އަދި އެފަރާތުން އެ ލޯނު ރިކަވާ ކުރަން އެތަނުގައި ކެފޭ ހިންގައިގެން ކުރާ ކަމެއް. އަދި ސަރުކާރަށް ކުލި ދައްކަމުން. ސަރުކާރުން އެއްވެސް ކަމެއް ނުކޮށް އާމްދަނީ ލިބޭ ކަމެއްކަން ވަރަށް ސާފުކޮށް ބަޔާން ކޮށްދިނީމާ ވެސް ކޮންމެވެސް ވަރަކަށް އޮޅޭ ބައެއް ފަރާތްތަކަށް،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބުރިޖުގެ މަސައްކަތް ބަލާލަން ސައިޓަށް އައިސް، ބުރިޖަށް އެރުމުގެ ފުރުސަތު މިވަގުތު ހުރިހާ ފަރާތަކަށް ނުދެވޭނެ ކަމަށެވެ. އެހެންކަމުން އެ ޕްލެޓްފޯމު ބިނާކުރަނީ ދުރުގައި ތިބެގެން ވެސް އެ މަންޒަރު ބަލާލެވޭނެ ގޮތެއް ހެދުމަށް ކަމަށް ހައުސިންގް މިނިސްޓަރު ވިދާޅުވި އެވެ.