03 Oct 2016, 21:47
އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ކުޅެން ނެގި ގައުމީ ފުޓްބޯޅަ ޓީމްގެ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާނުކުރި އިރު މާޒިޔާގެ ހުނަރުވެރި މިޑްފީލްޑަރު އަސްއަދު އަލީ (އަޑުބަރޭ) ގައުމީ ޓީމު ސްކޮޑުން ބާކީ ކުރުމުން އިދިކޮޅު އެމްޑީޕީން ފާޑު ކިޔައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންގެ ހައްގުގައި ބޭނުން ހިފުމުގެ ސަބަބުން، އަޑުބަރޭ ގައުމީ ޓީމުން ބާކީ ކުރިކުރުން އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެމްޑީޕީން ބުނީ އަޑުބަރޭ ގައުމީ ޓީމުން ވަކިކޮށްފައި ވަނީ ސަރުކާރުގެ ސިޔާސީ ނުފޫޒުން ކަމަށެވެ.

އަޑުބަރޭ ގައުމީ ޓީމުގެ މެޗެއްގައި: ގައުމީ ސްކޮޑުން އޭނާ ބާކީ ކުރުމުން އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް ފާޑުކިޔާފައި -- ސަން ފޮޓޯ
އެމްޑީޕީގެ ބަޔާނުގައި ވަނީ އީގަލްސްގެ ކުރީގެ ގޯލް ކީޕަރު މުހައްމަދު ލަބާން ވެސް ސިޔާސީ ކަމެއްގައި ޖަލަށް ލާފައި ވާތީ އެކަން ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީން ބުނީ ސަރުކާރުން ކުޅިވަރު އެސޯސިއޭޝަންތަކަށް އަތް ނުބޭނުމަށާއި، ކުޅުންތެރިންނަށް ބިރު ނުދެއްކުމަށާއި ކުޅުންތެރިންނަށް ނިސްބަތްވާ ގޮތަށް ޒާތީ ނިންމުންތައް ނިންމަމުންދާ ދިއުމުން އެއްކިބާވުމަށް އެޕާޓީން އިލްތިމާސްކުރާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) ގައުމީ ސްކޮޑުން ބާކީ ކޮށްފައި ވަނީ މިދިޔަ މަހު އިނދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކޮށް 13 ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ބޭންދި ފަހުންނެވެ.
ގައުމީ ޓީމުން ބުނީ އަޑުބަރޭ ސްކޮޑުގައި ނުހިމެނީ ދާދިފަހުން ކުރި މުޒާހަރާއެއްގައި އޭނާ ހައްޔަރުކޮށް، ދުވަސްތަކެއް ވަންދެން ބަންދުގައި ހުރުމުން ފިޓްނަސް ދަށްވެފައިވާތީ ކަމަށެވެ.