އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެޕާޓީން ވަކި ކުރަން ޕާޓީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކޮށް އެމްޑީޕީއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެމްޑީޕީން މިއަދު އަލްހާނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެޕާޓީގެ އާންމު މެމްބަރެއްގެ ގޮތުގައި އަލްހާން ހުންނަވައި ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު އަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން ބައިވެރިވެފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިިޝަން (އެމްޔޫއޯ) ގަބޫލުނުކޮށް އެމްޔޫއާ އިދިކޮޅު ހަރަކާތްތައް އަލްހާން ހިންގަވާފައިވާ ކަމަށް އެމްޑީޕީން އަލްހާނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދައުލަތުގެ މީޑިއާގައި އެމްޑީޕީއަށް ގެއްލުން ދިނުމަށް ތަކުރާރުކޮށް އަލްހާން ވާހަކަދައްކަވާފައިވާ ކަމަށެވެ. އަދި އެޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބުކޮށްފައިވާ ޕާޓީގެ މަގާމުތައް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ މަސްލަހަތު ނަގާލުމަށް އެޕާޓީގެ މައި އޮފީހަށް ވަންނަވައި އެތަނުގެ ތެރޭގައި އަލްހާން ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެއެވެ.

"ޕާޓީގެ ގައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކުރައްވައި އަލްހާން ފަހުމީ ޕާޓީން ވަކި ކުރުމަށް އެދިވަޑައިގެން ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ދެންނެވީމެވެ." ސިޓީގައި ބުނެފައިވެ އެވެ.

އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:30އަށް އެމްޑީޕީ އޮފީހަށް ވަޑައިގެން ޖަވާބުދާރީވުމަށް އަލްހާނަށް އެމްޑީޕީން ވަނީ އަންގާފައެވެ. އަދި އެޕާޓީގެ އޮފީހަށް ވަޑައިނުގަންނަވާ ނަމަ ލިޔުމުން ޖަވާބުދާރީވުމަށް ވެސް އަލްހާނަށް އެޕާޓީން ވަނީ ފުރުސަތު ދީފައެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 3:00ގެ ކުރިން ލިޔުމުން ޖަވާބުދާރީ ވުމަށް އެމްޑީޕީން ވަނީ އަލްހާނަށް އަންގާފައެވެ.

އެ ސިޓީއާ ގުޅޭގޮތުން އަލްހާން "ސަން"އަށް ވިދާޅުވީ އޭނާ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަކީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އެކުލަވާލި ޕާޓީއެއް ކަމަށާއި އެގޮތަށް މަސައްކަތް ކުރުމަށް އެޕާޓީއަށް އޭނާ އަބަދުވެސް ގޮވާލަމުން އަންނަ ކަމަށެވެ.

އަލްހާން ވިދާޅުވީ އެފަދަ ގޮތަކަށް އެމްޑީޕީން އޭނާއާ މެދު އަމަލު ކުރަމުން ދަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާ ނިންމެވުމުން ކަމަށެވެ.