ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްގީކުރުމުގެ މަގްސަދުގައި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމާ ގުޅޭގޮތުން ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުން ބައްދަލުކުރައްވާ، މަޝްވަރާކޮށްފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ފޫކާންގް އާއެކު ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރައްވަމުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، ބްރޯޑްކާސްޓިން ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ތަޖުރިބާ ހުރި ފަންނީ މީހުން އުފެއްދުންކަމަށެވެ.

ޗައިނާ އެމްބަސީއާ ގުޅިގެން ޗައިނާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިން ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔަރުކޮށްފައިވާ ޕްރޮޕޯސަލްގެ މައުލޫމާތު ޗައިނާ ސަފީރާ ވަނީ ހިއްސާކުރައްވާފައެވެ.

އެ ޕްރޮޕޯސަލްގައި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ޗައިނާގެ ބްރޯޑްކާސްޓްކުރުމުގެ ސިނާއަތް ކުރިއަށްދާގޮތް ދެނެގަނެ، އެ ދާއިރާގެ އެކި މުވައްސަސާތަކާ ގުޅުންތައް ގާއިމްކުރުމަށްޓަކައި ކޮމިޝަނުގެ ފަރާތުން ތަޖުރިބާގެ ދަތުރެއް ކުރުމަށް ވެސް ހިމަނާފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ސަފީރު ފޫކާންގް ދެއްކެވި ވާހަކަފުޅުގައި ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައިވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި ޚާއްސަ އިސްކަމެއްދީގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއާއި މީޑިއާގެ ތަރައްގީ އަށް ވެދެއްވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް ޗައިނާގެ ސަފީރު ވިދާޅުވި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރާއެކު ބްރޯޑްކޮމް އިން މިއަދު ބޭއްވި ބައްދަލުކުރުމުގައި ކޮމިޝަންގެ ރައީސްގެ އިތުރުން ކޮމިޝަންގެ ނައިބް ރައީސް މުހައްމަދު އަސްލަމާއި އެ ކޮމިޝަންގެ މެމްބަރުން ކަމަށްވާ ޒީނާ ޒާހިރާއި ފާތިމަތު ޒައިނާ އަދި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު ބައިވެވެވަޑައިގަތެވެ.