އިންޑިއާއިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރި 27 ކިލޯގެ މަސްތުވާ ތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް އެންޑް ރިސްކް މެނޭޖްމެންޓް، އިސްމާއިލް ހަމްދޫން ވިދާޅުވީ ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މައްސަލައެއްގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން ގާތްގަނޑަކަށް 27 ކިލޯއަށް އަރާނެ ކަމަށެވެ.

އެގޮތުން ހުކުރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކުން އައި ދިވެއްސެއްގެ ލަގެޖް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓުތަކެއް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ 7.27 ކިލޯގްރާމްގެ ހަޝިޝް އޮއިލް އާއި 1.09 ކިލޯގްރާމުގެ ހެރޮއިން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމެންޓުގެ ހެޑް ސްޕްރިންޑެންޓް މޫސާ އަލީ ވިދާޅުވިއެވެ.

ްްއެމީހާއާ ސުވާލުކުރުމުން އެއީ ބަޔަކާ ހަވާލު ކުރުމަށް ގެނައި އެއްޗެއް ކަމަށް ބުނެފައިވާ ކަމަށް ވެސް މޫސާ އަލީ ވިދާޅުވިއެވެ.

އެމީހާ އެހެން ބުނުމާ ގުޅިގެން ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މަސްތުވާތަކެއްޗާ ހަވާލުވުމަށް އައި 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވީ ހައްޔަރުކުރި އެ ދެ މީހުންނަކީ ވެސް ކުށުގެ ރިކޯޑު އޮންނަ ދެމީހުން ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ބެންގަލޫރުން ރާއްޖެއައި "އެއާއިންޑިއާ"ގެ ފްލައިޓަކުން އައި 29 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ގާތްގަނޑަކަށް 10 ކިލޯގެ ހަޝިޝް އޮއިލް ޕެކެޓް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވީ އޭނާ ވެސް ބުނީ އެއީ ބަޔަކާ ހަވާލުކުރަން ގެނައި އެއްޗެއް ކަމަށެވެ. އެ މަސްތުވާތަކެއްޗާ ހަވާލުވުމަށް އެއާޕޯޓަށް ދިޔަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މަސްތުވާތަކެއްޗާ ގުޅުންހުރި ދެވަނަ މީހަކު ހުޅުމާލެއިން ވަނީ ހައްޔަރުކޮށްފައެވެ.

އެ މަސްތުވާތަކެއްޗާ ހަވާލުވާން އެއާޕޯޓަށް ދިޔަ މީހާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު، ގާތްގަނޑަކަށް ހަތް ކިލޯގެ ހަޝިޝް އޮއިލް އާއި 1.9ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

އެ މައްސަލާގައި ހުޅުމާލެއިން ހައްޔަރުކުރި މީހާގެ ގެއިން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުން ކުރާ ބައެއް ސާމާނު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ދެ މައްސަލާގައި ހައްޔަރުކޮށްފައިވާ ހަ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ.