03 Oct 2016, 18:09
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު އެޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީގެ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައި ކަމަށެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ބޭފުޅުން ބޭނުންވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު މި މަހުގެ 20ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެޕާޓީގެ ސެކްރެޓޭރިއަޓަށް ހުށަހެޅުން އެދޭ ކަމަށެވެ.
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރެވޭނީ ވެސް އަދި ޕްރައިމަރީގައި ވޯޓު ލެވޭނީވެސް އެޕާޓީގެ މެމްބަރޝިޕް ކޮމެޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެމްބަރުންނަށް އެކަނި ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 14ވަނަ ދުވަހު އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގައި އެއްވެސް ވޯޓު ފޮއްޓެއް މިފަހަރު ނުބަހައްޓާނެ ކަމަށެވެ.