ކާބުލް : އަފްޣާނިސްތާނުގެ ތާލިބާން ޖަމާޢަތާއެކު ސުލްޙައިގެ ވާހަކަތައް ފަށަން އެމެރިކާ ބޭނުންކަމަށާ މިއަހަރުގެ ޑިސެމްބަރ މަހުގެ ކުރިން ތާލިބާނުންނާއެކު ވާހަކަތައް ފެށިދާނެ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވެއްޖެވެ.

އަފްޣާނިސްތާނަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި ރައީސް ޙާމިދު ކަރުޒާއި އާ ބައްދަލު ކުރެއްވުމަށްފަހު ދެއްވި ބަޔާނެއްގައި ގޭޓްސް ވިދާޅުވީ ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައް ބާއްވާނެ ތާރީޚެއް ކަނޑައެޅޭނީ އެޖަމާޢަތަށް ފިއްތުންތައް ކުރިމަތިކުރެވޭވަރުގެ ކާމިޔާބީއެއް އަފްޣާން ހަނގުރާމައިގެ މައިދާނުން އެމެރިކާއަށް ހޯދިގެން ކަމުގައެވެ.

"އެމެރިކާ ސިފައިން ތާލިބާނުންގެ މައްޗަށް މިހާރު ދަނީ ކާމިޔާބީތަކެއް ހޯދަމުން، މިކާމިޔާބީތައް އެދެވޭގޮތުގައި ކުރިޔަށް ގެންދެވި ތާލިބާނުންގެ ކިބައިން ދޫލިބޭވަރަށް އެމީހުންނަށް ފިއްތުންތައް ކުރިމަތި ކުރެވިއްޖެނަމަ އެޖަމާޢަތާއެކު ވާހަކަތައް އަވަހަށް ފަށަންވީ" ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް ތާލިބާނުން ބުނަނީ އެޖަމާޢަތުން މަސައްކަތްކުރަނީ އަފްޣާން ބިމުން އެމެރިކާއާއި ނޭޓޯގެ އިސްތިޢްމާރީ ބާރުތައް ފައްސާލުމަށް ކަމަށާ އެމެރިކާއާ ވާހަކަ ދައްކަން ނޫންކަމުގައެވެ.
10 އަހަރަށްވުރެ ދިގުލީ އަފްޣާން ހަނގުރާމައިގާ ތާލިބާނުންގެ މައްޗަށް ކުރިހޯދުމުގައާއި ތާލިބާނުން ބަލިކޮށްލުމުގައި އެމެރިކާއާއި ނޭޓޯގެ ބާރުގަދަ ލަޝްކަރުތައްވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ގޭޓްސް މިގޮތަށް ވަހަކަ ދެއްކެވި ނަމަވެސް އަފްޣާން ހަނގުރާމައިގާ ތާލިބާނުންގެ މައްޗަށް ކާމިޔާބު ނުލިބޭނެ ކަމަށް ނިންމައި މިއަހަރުގެ ޖުލައިމަހު އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށާނެކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އިޢްލާން ކުރައްވާފައެވެ.

އަދި އެމެރިކާއިން ސިއްރިޔާތުގައި ތާލިބާނުންނާ ވާހަކަތައް ބައެއްފަހަރު ދައްކަމުން ގެންދާ ކަމުގެ ރިޕޯޓްތަކެއްވެސް ދާދިފަހުންވަނީ ފެންމަތިވެފައެވެ. -- އަލްޖަޒީރާ