06 May 2010, 09:57
14:30
އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގެ ވޯޓުލުން މިއަދު ފެށިގެން ކުރިއަށް އެބަދެ އެވެ.
ޖުމްލަ 650 މެމްބަރުންގެ މައްޗަށް އެކުލެވޭ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެ ނުވަތަ ހައުސް އޮފް ކޮމަންސްގެ އިންތިޚާބުގެ ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިއިންތިޚާބުގެ އެންމެ ފަހުގެ ކެމްޕޭންތައް އިއްޔެ ވަނީ ނިމިގެން ގޮސްފަ އެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ދައްކާގޮތުގައި މިފަހަރުގެ އިންތިޚާބު ވެގެންދާނީ ފަހަކަށް އައިސް އިނގިރޭސިވިލާތުގައި ބޭއްވޭ އެންމެ ފޯރިގަދަ އިންތިޚާބަށެވެ. ޚިޔާލު ހޯދުމުގެ ވޯޓްތަކުގެ ނަތީޖާތަކުގެ ކުރި ހޯދާފައިވަނީ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީ އާއި އިދިކޮޅު ލިބަރަލް ޑިމޮކްރެޓިކް ޕާޓީ އެވެ. ވެރިކަން ކުރާ ލޭބާ ޕާޓީއަށް މިވޯޓްތަކުން ލިބިފައިވަނީ ތިން ވަނަ އެވެ.
އިނގިރޭސިވިލާތުގެ އިންތިޚާބުގެ ފޯރިގަދަވެ ވާދަވެރިކަން ބޮޑުވަމުންދާއިރު މިއިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބޭނެ ކަމަށް ގިނަ ބަޔަކު ދަނީ ލަފާކުރަމުންނެވެ. އެންމެ ފަހުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެއްވެސް ޕާޓީއަކަށް ނުލިބި ނިމިފައިވަނީ 1974 ވަނަ އަހަރެވެ.
ނަމަވެސް އިނގިރޭސި ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ގޯޑަން ބްރައުން ވިދާޅުވެފައިވަނީ ވޯޓްދޭނެ ވަކި ގޮތެއް ނުނިންމައި ތިބި ގިނަ ބަޔަކު އަދިވެސް އެބަތިބި ކަމަށާއި މިއިންތިޚާބުގައި ކާމިޔާބު ލިބޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. ނަމަވެސް ނާކާމިޔާބުވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ބްރައުން ވަނީ ވިދާޅުވެފަ އެވެ.