03 Oct 2016, 18:57
ނިއު ދިއްލީ (އޮކްޓޯބަރު 3): އިންޑިއާގެ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައަކަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ދިއްލީގެ ހެލްތް މިނިސްޓަރު ސަތްޔެންދުރާ ޖައިން 25،000 ރުޕީސް އިން ޖޫރިމަނާކޮށްފިއެވެ.
ސަތްޔެންދުރާ ޖޫރިމަނާކޮށްފައި ވަނީ ނިއު ދިއްލީގައި ޗިކަންގުންޔާ އާއި ޑެންގީގެ ފެތުރުން ކޮންޓްރޯލް ކުރުމަށް ދިއްލީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން އިސްނަގައިދެން ބަލަމުންދާ މައްސަލައެއްގަ އެވެ.
ދިއްލީގެ 8،000 މީހުންނަށް އެބަލިތައް ޖެހި، އޭގެ ސަބަބުން 10 މީހަކު މަރުވުމާ ގުޅިގެން ސަތްޔެންދުރާއާ ސުވާލު ކުރުމުން އޭނާ ވަނީ ބަލިތައް ކޮންޓްރޯލް ނުކުރެވެނީ ދިއްލީ ސަރުކާރުގެ ބައެއް އޮފިޝަލުން އޭނާއަށް އެއްބާރުލުން ނުދޭތީ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެއޮފިޝަލުންގެ ނަން ހާމަ ކުރަން ސުޕްރީމް ކޯޓުން ހުކުރު ދުވަހު އެންގުމުން ސަތްޔެންދުރާ އަށް ވަނީ ނަން ހާމަ ކުރަން ނުކުޅެދިފަ އެވެ. އޭނާ ޖޫރިމަނާކޮށްފައި ވަނީ އެކަމުގެ ސަބަބުންނެވެ. (އައިއޭއެންއެސް)