03 Oct 2016, 16:04
ސަރުކާރުން ކުރަމުންގެންދާ ބޭކާރު ހަރަދުތައް ކުޑަކޮށް ކާޑުގެ އަގު ހެޔޮކޮށްދޭން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކާޑުގެ އެންމެ އަސާސީ ބާވަތްތަކަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން އެންމެ ލުއި އަގެއްގައި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދެމުން ގެންދިޔަ އެއްޗެހި ކަމަށެވެ.
އަދި ކުއްލިގޮތަކަށް އެތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުކުރުމުން ރައްޔިތުންނަށް ބޮޑު ނިކަމެތިކަމެއް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ހާއްސަކޮށް މި ދުވަސްވަރަކީ މަސްވެރިކަން އިންތިހާއަށް ދަށް ދުވަސްވަރަކަށްވާތީ އަތޮޅުތަކުގެ ރައްޔިތުންނަށް ކާޑުގެ ބާވައްތައް ގަންނަން ލިބޭ އަގުތަކަކީ މިއިން ޒަމާނެއްގައި ވެސް ބޮޑުނުވާވަރުގެ އަގުތަކަކަށްވާތީވެ، އެކަމާ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހި ސަރުކާރުން އެ ކަންކަމަށް އިތުރަށް ވިސްނައި ވަޑައިގެން އަދި ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތައް ކުދަކުރުމަށްފަހު، ރައްޔިތުންނަށް ފަސޭހަވާނޭ މަގަށް އެކަންކަން އަލުން ރުޖޫއުކުރުމަށް މި ޕާޓީން ދިވެހި ސަރުކާރަށް ގޮވާލަމެވެ،" ޖޭޕީގެ ބަޔާނުގައިވެ އެވެ.
ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި އެ ސަމްސިޑީއަކީ ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ދެގުނަ ބޮޑުވެފަ އެވެ.
ސަރުކާރުން ބުނީ، ސަބްސިޑީ އަކީ ހަމައެކަނި ފަގީރުންނަށްދޭ އެއްޗެއްގެ ގޮތުގައި ހަމަޖައްސަން ޖެހުނީ މާލީ އިދާރާތަކުގެ ފިއްތުންތަކެއް ރާއްޖެއަށް ކުރިމަތިވެފައި ވާތީ ކަމަށެވެ.