03 Oct 2016, 15:41
ސްޕެނިޝް ލަލީގާގައި ސެލްޓާ ވިގޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބަލިވުމުގެ ޒިންމާ ނަގަން ޖެހޭ ކުޅުންތެރިންގެ ތެރޭގައި ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ހިމެނޭކަމަށް އޭނާ އިއުތިރާފް ވެއްޖެ އެވެ.
ލަލީގާގައި ރޭ ސެލްޓާ އަތުން މޮޅުވެ، ބާސާ އަށް ލަލީގާގެ އެއް ވަނައަށް އެރުމުގެ ފުރުސަތު އޮތް ނަމަވެސް 4-3 ލަނޑުން އެ ޓީމު ބަލިވުމުން މިހާރު އޮތީ ލަލީގާގެ ހަތަރު ވަނައިގަ އެވެ.
"އަހަރެންނަކީ އެ ކަމުގެ ޒިންމާ ނަގަން ޖެހޭ ކުޅުންތެރިއެއް. މެޗުގައި އަހަރެންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނު. ދަނޑުގެ މުހިންމު ހިސާބެއްގައި ކުޅޭ ކުޅުންތެރިޔަކަށް ހެދޭ ގޯހަކުން ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ. މެޗުތަކުން މޮޅުވާ ޓީމެއްގެ ގޮތުގައި އަލުން އޮންނަން އަހަރެމެން މަސައްކަތްކުރަން އެބަޖެހޭ،" ބުސްކެޓްސް ބުންޏެވެ.
ސްޕެއިން މިޑްފީލްޑަރު ބުސްކެޓްސް ބުނީ، ފާއިތުވި އަހަރުތަކުގައި ކާމިޔާބީތައް ހޯދައި ދުނިޔޭގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ބާސާ ހިމެނުނު ކަމަށާއި ހެދުނު ގޯސްތައް ރަނގަޅުކޮށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޕޮއޮން ސިސްޓޯ އާއި އިއާގޯ އަސްޕާސް ކާމިޔާބުކުރި ލަނޑާއި ޖެރެމީ މެތިއު އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސެލްޓާ އަށް ތިން ލަނޑުގެ ލީޑެއް ލިބިގެންދިޔަ އެވެ. ޖެރާޑް ޕީކޭ އާއި ނޭމާ ކާމިޔާބުކޮށްދިން ޕެނަލްޓީއާ އެކު ސެލްޓާ ދަމަހައްޓަމުންދިޔަ ލީޑު ބާސާ އިން ހަނިކުރި ނަމަވެސް، ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް ހެދުނު ގޯހަކުން ޕަބްލޯ ހެނާންޑޭޒް ވަނީ އަލުން ސެލްޓާ އަށް ލީޑު ފުޅާކޮށްދީފަ އެވެ. ބާސާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޕީކޭ އެވެ.