ކާޑުގެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ތަކެތީގެ އަަގަށް އަންނަ ބަދަލުތައް ހައްލުކުރެވޭނެ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އާސިފް މިއަދު ސަން އަށް ވިދާޅުވީ ސަބްސީޑި ކަނޑާލުމަކީ އިގްތިސާދަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ކަމަށެވެ. ބިދޭސީންނަށް ސަބްސިޑީ ދޭން ނުޖެހޭ ކަމަށާއި މިނިންމުމަށް އެޖަމިއްޔާ އިން ތާއީދު ކުރާ ކަމަށް އާސިފް ވިދާޅުވި އެވެ.

"މިބަދަލީ ގެންނަން ޖެހޭ ބަދަލެއް، މި ބަދަލު ގެނެސްގެން އެއްޗެހީގެ އަގު ބޮޑުވިޔަސް އެކަންކަން ކުރިއަށް އޮތްތަނުގައި ހައްލުކުރެވޭނެ، އެއްޗެހީގެ އަގަށް އައި ބަދަލު ހައްލުކުރެވޭނެ،" އާސިފް ވިދާޅުވި އެވެ.

އެއްޗެހީގެ އަގު ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އެޅުމުން އެކަން ކުރެވޭނެ ކަމަށް އާސިފް ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ މިމަހުން ފެށިގެން ކާޑުގެ ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދިނުމަށެވެ. އެއީ މީހެއްގެ ބޮލަކަށް 40 ރުފިޔާގެ މަގުންނެވެ.

ސަބްސިޑީ ކަނޑާލުމާ އެކު ކުރިން ކާޑުގެ ބާވަތްތައް ވިއްކި އަގު ވަނީ ދެ ގުނައަށް ބޮޑުވެފަ އެވެ. އަދި އަތޮޅުތެރެއަށް އެއަގު އެއަށްވުރެ ބޮޑުވި އެވެ.