03 Oct 2016, 15:24
ނިއު ދިއްލީ (އޮކްޓޯބަރު 3): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިންޒާރު ދީފައިވާ ނޯޓެއް ހަރުކޮށްފައިވާ ކޮތަރެއް އިންޑިއާއި ޕާކިސްތާނާ ގުޅޭ ބޯޑަރު ކައިރިން އިންޑިއާ ފުލުހުން ހިފަހައްޓައިފި އެވެ.
އިންޑިއާގެ ބޯޑާ ސެކިއުރިޓީ ފޯސް (ބީއެސްއެފް) އަށް އެކޮތަރު ފެނުނީ ޕަންޖާބު ސްޓޭޓުގެ ޕަތަންކޮޓުންނެވެ. އުރުދޫ ބަހުން ނޯޓެއް ލިޔެ ހަރުކޮށްފައިވާ އެކޮތަރު މިހާރު ވަނީ ބީއެސްއެފް އޮފިސަރުންގެ ބެލުމުގެ ދަށުގައި ކަމަށް އިންސްޕެކްޓަރު ރަކޭޝް ކުމާރު ވިދާޅުވި އެވެ.
"މޯދީ، އަހަރުމެންނަކީ 1971ގައި ތިބި މީހުންނާ ތަފާތު ބައެއް. މިހާރު ހުރިހާ އެންމެން ތިބީ އިންޑިއާއާ ދެކޮޅަށް ހަނގުރާމަ ކުރަން ތައްޔާރަށް،" އެނޯޓުގައި ލިޔެފައިވާ ކަމަށް ކުމާރު ވިދާޅުވި އެވެ.
އެނޯޓުގައި ސޮއި ކޮށްފައި ވަނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޝްކަރު އީ ތައިބާއިން ކަމުން އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް ކުމާރު ވިދާޅުވި އެވެ.
ޕާކިސްތާނުން ޖާސޫސް ކުރުމަށް ދޫނި ބޭނުން ކުރާ ކަމަށް އިންޑިއާ އިން ވަނީ މީގެ ކުރިން ޝައްކުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން ވަނީ ޕާކިސްތާނުގެ ޖާސޫސީ ކޮތަރެއް ކަމަށް ތުހުމަތު ކުރެވުނު ކޮތަރެއް ހިފެހެއްޓުމަށް ފަހު، އޭގެ ހަށިގަނޑު ތެރެއިން ޖާސޫސު ކުރާ ކެމެރާއެއް ނުވަތަ ޓްރާންސްމިޓަރެއް ހޯދުމުގެ ގޮތުން އެކްސްރޭއެއް ހަދައިފަ އެވެ. ނަމަވެސް އެއެކްސްރޭއިން އެކޮތަރަކީ ޖާސޫސު ކުރާ ކޮތަރެއް ކަމަށް ދޭހަވާ އެއްވެސް ހެއްކެއް ފެނިފައި ނުވެ އެވެ. (ޑޯން)