03 Oct 2016, 15:29
އެސްޓީއޯގެ ދަށުން މިފްކޯ ހިންގުމަށް ސަރުކާރުން ހަމަޖައްސާފައިވީ ނަމަވެސް އެ ކުންފުނި ހިންގާނީ ވަކި ކުންފުންޏެއްގެ ގޮތުގައި ކަމަށް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.
އެ ކުންފުނީގެ މައި އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓިއޯގެ ބޯޑުން މިފްކޯއާ އިން ކޯޕަރޭޓް ކުރަން ނިންމާފައި ވަނީ ސަބްސިޑިއަރީއެއް ގޮތަށް ކަމަށެވެ. ނަމަވެސް މިފްކޯއާ ހަވާލުވުމުގެ ކުރިން އެތަނުގެ އޮނިގަނޑު ރޭވިފައި އޮތްގޮތް ދެނެގަންނަން ޖެހޭ ކަމަށާއި އެއަށް ފަހު އެ ކުންފުނީގެ ދަރަނި އަދާ ކުރުމަށް ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުންފުނީގެ ދަރަނިތައް އަދާ ކުރުމަށް ޓަކައި ސަރުކާރާ ވާހަކަދެކެވިގެން މި ދަރަނިތައް ރީސްޓްރަކްޗާ ކުރެވިގެން ދެއްކޭނެ އުސޫލުތަކެއް ހަމަޖެހޭނެ. އަޅުގަނޑުގެމެންނަށް މިކަމުގައި ސަރުކާރުން ވަރަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް. އެސްޓީއޯ އަށް މިކަމުން އިފެކްޓު ނުކުރާނެ ގޮތަށް މިފްކޯ އަކީ ވަކި ކުންފުންޏެއްގެ ގޮތަށް ބަލައިގެން މިފްކޯ ހަމަ ވަކިން ކުރިއަށް ގެންދާނީ،" ޝަހީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯގެ ސަބަބުން އެސްޓީއޯ އަށް އެއްވެސް ވަރެއްގެ ގެއްލުމެއް ނުލިބޭނެ ކަމަށާއި އަދި އެސްޓީއޯގެ އެއްވެސް ހިއްސާދާރަކަށް ވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެކުންފުންޏާ ހަވާލުވުމަށް ބޭނުންވާ ގާނޫނީ ލިޔެކިއުންތައް ފުރިހަމަ ވުމަށް ފަހު ކުންފުނީގެ އޮނިގަނޑު އެކުލަވާލާނެ ކަމަށެވެ.
މިފްކޯ އަކީ 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.
އިކޮނޮމިކް ކައުންސިލުން ބުރާސްފަތި ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބަކީ، އެ ކުންފުނީގެ ދަރަނި ބޮޑުވުން ކަމަށާއި އެއީ ހައްލެއް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.