07 Jun 2011, 09:05
ބަޣްދާދު : ޢިރާޤުގައިވާ އެމެރިކާގެ ޢަސްކަރީ މަރުކަޒަކަށް ބަޔަކު ދިން ރޮކެޓް ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ ފަސް މީހަކު މަރުވެއްޖެ އެވެ.
ޢިރާޤުގެ އަމްނާބެހޭ ދާއިރާތަކުން ބުނިގޮތުގައި މިރޮކެޓް ޙަމަލާ އަރާފައިވަނީ ބަޣްދާދުގައިވާ އެމެރިކާގެ ޢަސްކަރީ ބޭހަކަށެވެ. މިޙަމަލާދިން ކަމަށް ބެލެވިފައިވަނީ ޢިރާޤުގެ ބިމުން އެމެރިކާގެ އިސްތިޢްމާރީ ބާރުތައް ފައްސާލަން މަސައްކަތްކުރާ ޢިރާޤުގެ ވަތަނީ ޖަމާޢަތްތަކުން ކަމަށް މުރާސިލުން ބުނެއެވެ.
އެެމެރިކާގެ ލަޝްކަރުތަކުން ވެސްވަނީ އެމެރިކާ ސިފައިންގެ 5 މީހަކު ޢިރާޤުގައި އިއްޔެ މަރާލެވުނުކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ނުދެއެވެ. ޢިރާޤަށް އެެމެރިކާ އަރައި ފެށި ޢުދުވާނީ ހަނގުރާމައިގާ ޢިރާޤުގެ ސިފައިންނާއި ޢާންމުންގެ ގާތްގަނޑަކަށް ދެލައްކައަށްވުރެ ގިނަމީހުން މިހާތަނަށް މަރާލެވިފައިވާއިރު، ޢިރާޤުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ޙަމަލާތަކުގައި އެމެރިކާގެ ފަސްހާހެއްހާ ސިފައިން މަރާލެވިފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް ބުނެއެވެ.
އެމެރިކާވަނީ އިރާޤުން ފޭބުމުގެ މަސައްކަތް ފަށާފައެވެ. މިއަހަރުގެ ޑިސެމްބަރ މަސް ނިމުމުގެ ކުރިން އެމެރިކާ ސިފައިން ޢިރާޤުން ބޭލުމުގެ އެއްބަސްވުމެއްގައި 2008 ގައި އެމެރިކާ ސަރުކާރާ ޢިރާޤު ސަރުކާރުން ސޮއިކޮށްފައިވާއިރު މިއެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން ޢިރާޤުން ފައިބާނެ ކަމަށް އެމެރިކާ ގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން ބުނެއެވެ. -- އެސޯސިއޭޓެޑް ޕްރެސް / ޖަވާދު