03 Oct 2016, 15:03
ބެންކޮކް (އޮކްޓޯބަރ 3) : ތައިލެންޑްގެ ރަސްގެފާނު ބުމިބޯލްގެ ސިއްޙީ ހާލުކޮޅު ވަރަށްބޮޑަށް ދަށަށްދިޔުމުގެ ސަބަބުން އިންޓެންސިވް ކެއަގައި އޭނާ އެދުމަތިކޮށްފި އެވެ.
އުމުރުފުޅުން 89 އަހަރުގެ ބުމިބޯލް އަށް ކުރިމަތިވެވަޑައިގެންފައި ވަނީ ލޭގައި އިންފެކްޝަނެއް އުފެދުމާއި ފުއްޕާމޭގައި އިންފްލެމޭޝަން އުފެދުމެވެ. މިއާއެކު ބުމިބޯލް އަށް ވަރުގަދަ ހުމެއް ޖެހިވަޑައިގެންފައިވާ ކަމަށް ވެސް އޭނާގެ ހާލަތާބެހޭ ގޮތުން ނެރެފައިވާ މެޑިކަލް ރިޕޯޓްގައިވެ އެވެ.
ބުމިބޯލްއަކީ ކުރިން ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އޭނާއަކީ ފޮޓޯ ނެގުމުގެ ހޮބީ ގެންގުޅުއްވާ ބޭފުޅެއްކަމުން އެކަމުގައި އޭނާއަކީ ކުރިން ވަރަށްބޮޑަށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުން އުޅޭ ގޮތް ބައްލަވައިލެއްވުމަށް ޓަކައި ވިލެޖްތަކާއި އަވަށްތަކަށް ވެސް ބުމިބޯލް ވަރަށް ގިނައިން ޒިޔާރަތް ކުރައްވަ އެވެ. ނަމަވެސް ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި އޭނާގެ ހަރަކާތްތައް ވަރަށް ބޮޑަށް މަދުވެފައި އެކިބާވަތުގެ އަލާސްކަންފުޅުގައި އުޅުއްވުން ގިނަވެފައިވެ އެވެ.
ބުމިބޯލް ރަސްގެފާނަށް ކުރިމަތިވެފައިވާ އާލާސްކަންފުޅުގެ ތެރޭގައި ކިޑްނީގެ އާލާސްކަންފުޅު ވެސް ހިމެނެ އެވެ. މިކަމަށް ފަރުވާ ހޯއްދެވުމަށް ޓަކައި ބެންކޮކްގެ ސިސީރާޖް ހޮސްޕިޓަލްގައި ބުމިބޯލް އޮންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވެ އެވެ. ރަސްގެފާނުގެ ދެކިޑްނީ ވެސް ފެއިލްވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބުމިބޯލް ރަސްގެފާނަކީ ދުނިޔޭގައި މިހާރު ތިއްބެވި ރަސްރަސްކަލުންގެ އެންމެ ގިނަދުވަހު ތަޚްތުގައި ރެދަލިކުރެއްވި ރަސްގެފާނު ކަމަށްވެ އެވެ. އޭނާ ތައިލެންޑްގެ ރަސްކަމަށް އިސްވެ ވަޑައިގެންފައި ވަނީ 1946 ގައެވެ. ބުމިބޯލްގެ އާލާސްކަންފުޅު ބޮޑުވެފައިވާއިރު ތައިލެންޑްގެ ވިރާސީ ރަސްކަމާ ދެން ހާވާލުވާން ހުންނެވި ވަލީއުލްއަހްދު މަހާ ވަޖިރަލުންކޯން އަކީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ނޫޅުއްވާ އަދި ރަސްކަމަށް ގާބިލް ނޫންބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކުރެވިފަ އެވެ. ބުމިބޯލްގެ ދޮށީފިރިހެން ދަރިކަލުން މަހާ ވަޖިރަލުންކޯން އަކީވެސް މިހާރު 62 އަހަރުވެފައިވާ ބޭފުޅެކެވެ. (އިންޓަނޭޝަނަލް ބިޒިނަސް ޓައިމް)