03 Oct 2016, 15:35
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެސްކޯޓް ޓީމުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ޕްރިސްކޯ އެސްކޯޓް ޗެލެންޖް ކަޕް 2016" ފުޓްސަލް މުބާރާތް ފަށައިފި އެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި އިއްޔެ ފެށުނު މުބާރާތް އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު ޝިހާން އެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައި ވަނީ ޓީމް އެޗްކިޔު އާއި ޓީމް އެސްއެމްޓީ އެވެ. އެ މެޗު ފަސޭހަކަމާ އެކު 12-0 ލަނޑުގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ޓީމް އެޗްކިޔު އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޓީމް އެޗްކިޔުގެ ކެޕްޓަން އާދަމް މަންސޫރެވެ.
މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ އެފްސީ އަލްފާ އާއި އެފްސީ މޯނިންގް ޝިފްޓެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗު 2-1 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އެފްސީ މޯނިންގް ޝިފްޓެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އެފްސީ މޯނިންގް ޝިފްޓްގެ އިސްމާއިލް ޒަރީރެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ އެފްސީ ޗާލީ އާއި އެފްސީ ބްރާވޯ އެވެ. އެ މެޗު ފަސޭހަކަމާ އެކު 12-1 ލަނޑުން ކާމިޔާބުކޮށްފައި ވަނީ އެފްސީ ޗާލީ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އެފްސީ ޗާލީގެ ރާއިދު އަބޫބަކުރު އެވެ.
އެ މުބާރާތުގައި މިރޭ ވެސް ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓީމް އެސްއެމްޓީ އާއި އެފްސީ ބްރާވޯ އެވެ. މިރޭގެ ދެވަނަ މެޗުގައި އެފްސީ އަލްފާ އާއި އެފްސީ ޑެލްޓާ ބައްދަލުކުރާ އިރު، ތިންވަނަ މެޗުގައި ބައްދަލުކުރާނީ ޓީމް އެޗްޑީސީ އާއި ޓީމް އެސްކޯޓް އެވެ.
ކަރެކްޝަނުން ބުނީ، އެ މުބާރާތުގެ މަގްސަދަކީ މާލެ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރާއި ހެޑް އޮފީހުގެ ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުގެ އޮފިސަރުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކޮށް އިތުރުކުރުވައި، ކުޅިވަރުތަކަށް މުވައްޒަފުން ޝައުގުވެރި ކުރުވުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށާއި މުބާރާތުގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުންނަށް ފުރުސަތު ތަނަވަސްކޮށްދީ ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމާއެކު، މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރު، އަދި ހެޑް އޮފީހުގެ ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުގެ އޮފިސަރުންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބައެއްކަމުގައި ހެދުން ކަމަށެވެ.
އެ މުބާރާތް ކުރިއަށްދަނީ ކޮންމެ ގްރޫޕެއްގެ ޓީމްތަކުގެ މެދުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ބައްދަލުކޮށް، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ސެމީން މޮޅުވާ ދެ ޓީމު ފައިނަލްގައި ވާދަކުރާ އިރު، ތިންވަނަ ޓީމު ހޮވާގޮތަށް ހަމަޖެހިފައި ވަނީ ސެމީ ފައިނަލް މެޗުތަކުން ބަލިވާ ދެ ޓީމުގެ މެދުގައި ކުޅޭ މެޗުންނެވެ.