03 Oct 2016, 14:33
ކާޑުގެ އަގަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ރާއްޖެ އަށް ކާޑު އެތެރެކުރާ އެސްޓީއޯ އިން ބުނެފި އެވެ.
މިއަދު އެސްޓީއޯގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ކާޑުގެ އަގު ބަދަލު ކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކާޑާ ބެހޭ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކާ އެކު މިހާރަށް ވުރެ އެސްޓީއޯ އިން ކާޑު ގެންނަ އަގު މިއަށް ވުރެ ކުޑަކުރެވޭނެ ކޮން ގޮތްތަކެއްތޯ [ބަލަމުން]. މީގައި ލޮޖިސްޓިކްސް ކުޑަކުރުންތޯ އޯވަހެޑްސް ކުޑަ ކުރުންތޯ ސްޓޯރޭޖް ރަނގަޅު ކުރުންތޯ ބަލަން މިހާރު ވާނީ މަސައްކަތް ފަށާފައި. އިރާދަ ކުރެއްވިއްޔާ މުސްތަގުބަލުގައި ދެން ގެންނަ ޝިޕްމެންޓްތަކުގެ އަގު ކުޑަ ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޝަހީރު ވިދާޅުވި އެވެ.
އެކުންފުނިން ކާޑުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކަނީ އެއަށް ފައިދާ ލައިގެން ނޫން ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި ކާޑު ވިއްކަނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ ވަކި އަގަކަށް ކަމަށެވެ.
ސަރުކާރުން ކާޑަށް ދެމުން އައި ސަބްސިޑީ ކަނޑާލުމާ އެކު އެސްޓީއޯ އިން މިހާރު އަމަލު ކުރަމުން ދަނީ ސަރުކާރުން އެކުލަވާލި އާ އަގުތަކާ އެއްގޮތަށެވެ.
ސަރުކާރުން މިހާރު ސަބްސިޑީ ދޭން ނިންމާފައި ވަނީ ހަމަ އެކަނި ފަގީރުންނަށެވެ. އެގޮތުން ސަބްސިޑީ ފަގީރުންނަށް ދޭން ނިންމާފައި ވަނީ ބޮލަކަށް 40 ރުފިޔާ އެވެ. ގޭބިސީއެއް ނަމަ 240 ރުފިޔާ އެވެ.
ކާޑުގެ ބާވަތްތައް ގަތުމަށް މީގެ ކުރިން ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ކަނޑާލުމުން ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން ހަނޑޫ ކިލޯއެއްގެ މިހާރުގެ އަގަކީ 7.96 ރުފިޔާ އެވެ. ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ބޮޑުވެފައިވާ އިރު ހަކުރުގެ އަގު ވަނީ 3.50 ރުފިޔާއަށް ބޮޑުވެފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ޝަހީރު ވިދާޅުވީ އެސްޓީއޯ އަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އެތެރެ ކުރާ މައި ކުންފުނި ކަމަށާއި ރައްޔިތުންނަށްވާ ވަރަށް ކާޑުގެ ބާވަތްތައް އެކުންފުނީގައި ސްޓޮކް ކުރެވިފައި އެބަ ހުރި ކަަމަށެވެ.