03 Oct 2016, 14:33
މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލަމުން އަންނަ، ރާއްޖޭގެ ބައިނަލްއަގުވާމީ އެއާލައިން މެގަ މޯލްޑިވްސްއިން ފުރަތަމަ ފަހަރަށް އިންޑިއާގައި ޗާޓަރު ފްލައިޓު އޮޕަރޭޝަނެއް ފަށައިފިއެވެ.
މެގަ މޯލްޑިވްސްއަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ޗާޓަރު އޮޕަރޭޝަންސްތައް ހިންގައިދޭ އެއާލައިނެކެވެ.
އެ އެއާލައިނުން ބުނި ގޮތުގައި، މިދިޔަ ހަފްތާގައި އެއާލައިނުން ވަނީ، އިންޑިއާއިން ޓެންޒޭނިއާއަށް ޗާޓަރު އޮޕަރޭޝަނެއްގެ ދަށުން 600 މީހުން އުފުލައިދީފައެވެ. މެގަ މޯލްޑިވްސްގެ ދެ ފްލައިޓުގައި، ސެޕްޓެމްބަރު 30 ވަނަ ދުވަހާއި އޮކްޓޫބަރު އެއްވަނަ ދުވަހު، އިންޑިއާގެ މުމްބާއީއިން އެފްރިކާގެ ގައުމެއް ކަމުގައިވާ ޓެންޒޭނިއާގެ ވެރިރަށް ދާރުއްސަލާމަށް ފަސިންޖަރުން ގެންގޮސްދީފައި ވެއެވެ.
މެގަ މޯލްޑިވްސްއިން ބުނީ ޓެންޒޭނިއާއަށް ދިޔަ ފްލައިޓުތައް، ފަސިންޖަރުންނާ އެކު އެނބުރި މުމްބާއީއަށް ދާނީ އޮކްޓޫބަރު 14 އަދި 15 ގައި ކަމަށެވެ.
އެ އެއާލައިނުން އިތުރަށް ބުނީ، މިއީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރީތަކާއި ހުއްދަތައް ހޯދައިގެން އެ އެއާލައިނުން ކުރާ ޗާޓަރު ދަތުރު ކަމަށެވެ. އެގޮތުން، ހުރިހާ ކަމެއް ހަމަޖެއްސީ ހަތް ދުވަހުގެ ތެރޭގައި ކަމަށް މެގަ މޯލްޑިވްސްއިން ބުނެއެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުން ގުޅުވައިދޭ މެގަ މޯލްޑިވްސްއަށް މާލީ ދަތިކަން ކުރިމަތިވީ، ޗައިނާގެ މާކެޓު ދަށްވުމާއި އެ އެއާލައިނުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުންނެވެ.
އެހެންކަމުން އެ ކުންފުނީގެ ބައެއް އެއާކްރާފްޓުތައް ބޭނުން ކުރުން ހުއްޓާލައި، 114 މުވައްޒަފެއް ވަޒީފާއިން ވަކިކުރުމަށް އެކުންފުނިން ނިންމި އެވެ.
އެހެން ނަމަވެސް އެ އެއާލައިނުން ވަނީ މި މިދިޔަ މަހުގެ ފަހުކޮޅު، އާ ބޯޓެއް ގެނެސްފައެވެ. އެއީ ބޮއިންގް 737 މަރުކާގެ ބޯޓެކެވެ.
މިހާރު މެގަ މޯލްޑިވްސްއިން ބޭނުންކުރަމުން އަންނަނީ ބޮއިންގް 767 މަރުކާގެ ދެ ބޯޓެވެ. ބޮއިންގް 737 މަރުކާގެ އާ ބޯޓާ އެކު، މިހާރު އެ އެއާލައިނުގެ ފްލީޓަށް ބޯޓެއް އިތުރުވީ އެވެ.