03 Oct 2016, 13:25
އަންކާރާ (އޮކްޓޯބަރު 3): ތުރުކީއަށް މިދިޔަ ޖުލައި މަހު ގެންނަން މަސައްކަތް ކުރި ބަޣާވާތް ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ތުރުކީން ތުހުމަތު ކުރާ ފަތުހުﷲ ގުލެންގެ ކޮއްކޮއެއް ތުރުކީން ހައްޔަރުކޮށްފި އެވެ.
ތުރުކީގެ އަންދޮލޫ ނޫސް އޭޖެންސީގައިވާ ގޮތުން ފުލުހުން ކުތުބެތިން ގުލެން ހައްޔަރު ކުރީ 'ހަތިޔާރުއެޅި ޓެރަރިސްޓު ޖަމާއަތަކާ ގުޅުން' އޮތުމުގެ ސަބަބުންނެވެ. އޭނާ ހައްޔަރު ކުރި އިރު ފުލުހުން ވަނީ ފަތުހުﷲ ގުލެންގެ ފޮތްތަކެއް ވެސް އަތުލާފަ ކަމަށް ނޫސްތަކުގައިވެ އެވެ.
ތުރުކީން ކުތުބެތިން ހައްޔަރު ކޮށްފައި ވަނީ ފަތުހުﷲ ގުލެންއަށް ބޮޑުބޭބެ ކިޔާ ދެމީހަކު މީގެ ކުރިން ހައްޔަރު ކޮށްފައި ވަނިކޮށެވެ. އެންޓި ޓެރާ ފުލުހުން މިހާރު ދަނީ ކުތުބެތިން ގުލެންއާ ސުވާލު ކުރަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ތުރުކީ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގެ ފަހަތުގައި ވަނީ 1999 އަކުން ފެށިގެން އެމެރިކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނެވި ފަތުހުﷲ ގުލެން އެވެ. ނަމަވެސް ގުލެން ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން މިހާތަނަށް އެގައުމުން ވަނީ 77،000 އަށް ވުރެ ގިނަ މީހުން ތަހުގީގު ކޮށްފަ އެވެ. އަދި 32،000 ވަރަަކަށް މީހުން ހައްޔަރުކޮށްފަ އެވެ. (އަލްޖަޒީރާ)