03 Oct 2016, 13:36
ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލެވޭ ފްރީޓްރޭޑު އެގްރިމެންޓުގެ ދަށުން، ރާއްޖެއިން ނުލިބޭ ސީފުޑްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް، އެތަކެތި ޕެކޭޖު ކުރުމަށްފަހު ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ މަގު ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޓީވީއެމުން ރޭ ފޮނުވި ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު އެކުލަވާލަން ނިންމާފައިވާ ފްރީޓްރޭޑު އެގްރިމެންޓުގެ މަޝްވަރާތައް މުޅިން ނިމިފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ޗައިނާގައި ކުރިޔަށް ދިޔަ މަޝްވަރާތަކުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ރާއްޖޭގައި ބާނާ މަހާއި ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ސުން ޕަސަންޓުގައި ޗައިނާއަށް އެކްސްޕޯޓު ކުރުމާ މެދުއެވެ. މި މަޝްވަރާތަކުގެ ދަށުން އެކަމުގެ މަގު ވަނީ ފަހިވެފައެވެ. މަޝްވަރާތަކުގައި ނިންމާފައިވަނީ ފްރީޓްރޭޑު އެގްރިމެންޓު އެކުލަވާލާ ދުވަހުން ފެށިގެން ސުން ޕަސަންޓުގައި މަސް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ.
"ރާއްޖޭގައި ބާނާ ނުވަތަ އުފައްދާ މަހާއި ސީފުޑާއި ފަޅުގޮވާމުގެ ބާވަތްތައް. ފާނައާއި ހުއިފިލަނޑާ ފަދަ ތަކެތި ވެސް ސުން ޕަސަންޓުގައި ޗައިނާއަށް އެކްސްޕޯޓުކުރުމުގެ ފުރުސަތު ފަހިވެއްޖެ،" މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަހަރަކު 150،000 ޓަނުގެ މަސް ބާނާ އިރު އޭގެ ތެރެއިން ދިވެހި ރައްޔިތުންނަށް ބޭނުންވަނީ އެންމެ 40،000 ޓަނުގެ މަސް ކަމަށެވެ. ބާކީ ބަޔަށް ވެލިއު އެޑް ކޮށްގެން ބޭރު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި ނުބާނާ ބައެއް ކަހަލަ މަހުގެ ބާވަތްތަކާއި ސީފުޑް ރާއްޖެ އެތެރެކޮށް، އެތަކެތި ރާއްޖޭގައި ޕެކޭޖު ކުރުމަށްފަހު ޗައިނާގެ މާކެޓަށް ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގައި ނެތް ތަކެތި، މިސާލަކަށް ޑިނގާ ނުވަތަ ޕްރޯން، އަދި ސާޑީން. މިފަދަ އެއްޗެހި އިމްޕޯޓު ކޮށްފައި، ރާއްޖޭގައި ދަޅުގައި ބަންދުކޮށްފައި ސުން ޕަސަންޓުގައި އެކްސްޕޯޓު ކުރުމުގެ ފުރުސަތު އެބަ އޮތް،"
މިނިސްޓަރު ވިދާޅުވީ މިކަމަކީ ދިވެހި މަސްވެރިންނާއި ސީފުޑްގެ މަސައްކަތް ކުރާ ފަރާތްތަކަށް މަހާއި މަހުގެ ބާވަތްތަކުގެ ހައްގު އަގު ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށާއި، މިއީ އެފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ދުނިޔޭގެ ދެވަނައަށް އެންމެ ބިޔަ ބާޒާރު ޗައިނާއަކީ. އަދި އެންމެ ބޮޑު ކޮންސިއުމާ ސްޓްރެންތެއް، ނުވަތަ އެއްޗެހި ގަތުމުގެ ބާރެއް އޮންނަނީ އެމީހުން އަތުގައި،"
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުން، އަންނަ އަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން ޗައިނާއާ ރާއްޖެއާ ދެމެދު ހަދާ ފްރީޓްރޭޑް އެގްރިމެންޓުގައި ސޮއިކުރެވޭނެއެވެ.