ހުޅުގަނޑު ފަޒާގެ ތެރެއަށް އަރައަރައި ހުއްޓެވެ. މުޅި އުޑުގައި ހުރަހާއި ދިގަށް ފެންނަނީ ވިދުވަރެވެ. މިއީ ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމުގައިވާ ޗިލީގައި ފާއިތުވި 50 އަކަށް އަހަރުގެ ތެރޭ ނުގޮވައި ހުރެފައި އިއްޔެ ގޮވި އަލިފާން ފަރުބަދަ ގޮވި މަންޒަރު ބެލި މީހުންނަށް އެމަންޒަރު ފެނުނު ގޮތެވެ.

ޗިލީގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ އަލިފާން ފަރުބަދައިން ބޭރުވި އަޅި ޖައްވުގެ ތެރެއަށް، ހަ މޭލު މައްޗަށް އަރައިގެން ދިޔަ އެވެ. އެއާއެކު އެ ސަރަހައްދުގައި ދިރިއުޅެމުން ދިޔަ އެތައް ހާސް ބަޔަކު އެސަރަހައްދުން ދުރަށްލުމުގެ މަސައްކަތް ޗިލީ ސަރުކާރުން ފެށިއެވެ.

ޖައްވުގެ ތެރެއަށް އަރައިގެން ދިޔަ އަޅިން އުފެދުނު ވިލާގަނޑު ވަޔާއެކު ޗިލީއާއި އަވައްޓެރި ގައުމެއް ކަމަށް ވާ އާޖެންޓީނާގެ މައްޗަށް ފެތުރެން ފެށިއެވެ. އެއާއެކު އެ ގައުމުގެ މެދުތެރޭގައިވާ ރިޒޯޓް ރަށެއް ކަމަށްވާ ސެން ކާލޯސް ޑި ބާރިލޮޝޭގެ ޖައްވު ވެސް އަނދިރިވި އެވެ. އެކަމުގެ ސަބަބުން އެރަށުގެ ވައިގެ ބަނދަރުވެސް ވަނީ ބަންދުކޮށްފަ އެވެ.

ޗިލީގެ ވެރިރަށް ސެންޓިއާގޯގެ ދެކުނުން ގާތްގަނޑަކަށް 575 މޭލު ދުރުގައިވާ ޕްޔެޗޫ ކޯޑަން ކައުލޭ އަލިފާން ފަރުބަދަ ޗޭނުގައި ގޮވި މި ގޮވުމާ ގުޅިގެން އާޖެންޓީނާ އާއި ޗިލީ ގުޅޭ ސަރަހައްދީ ރޮނގު ވަނީ ބަންދުކޮށްފަ އެވެ. އެ ސަރަހައްދީ ރޮނގަކީ އާއްމުގޮތެއްގައި ކާރޫބާރޫ ބޮޑު ސަރަހައްދީ ރޮނގެކެވެ.

ޕްޔެޗޫ ކޯޑަން އަލިފާން ފަރުބަދަ ޗޭނުގެ ތެރެއިން މިފަހަރު ގޮވާފައި ވަނީ ކޮން ފަރުބަދައެއް ކަމެއް އަދި ވަނީ ސާފު ނުވެ އެވެ. ނަމަވެސް އެނގޭ ކަމަކީ އެ ފަރުބަދަ ޗޭނުގައިވާ ފަރުބަދައެއް އެންމެ ފަހުން ގޮވާފައި ވަނީ 1960 ވަނަ އަހަރު ކަމެވެ.

ޗިލީގެ ނޫސް އެޖެންސީތަކާ ހަވާލާދީ ޑެއިލީ މެއިލް ބުނާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމާއި ގުޅިގެން އެ ސަރަހައްދުގެ ވައިގެ ތެރޭގައި ވަނީ ސަލްފާ ވަސް ހިފާފައެވެ. އަދި އެސަރަހައްދަށް ދަނީ ލޮޅުން ތައް އަރަމުންނެވެ.

ޗިލީގެ އިމަޖެންސީ އޮފީސް އޮނޭމީ ބުނާ ގޮތުގައި ޕްޔެޗޫ އަލިފާން ފަރުބަދަ ޗޭނުގައި ހިނގި ގޮވުމުގެ ސަބަބުން 10 ކިލޯމީޓަރުގެ އުސް ގޭސް ކޮލަމެއް އުފެދި ފަރުބަދަ ޗޭނުގައި ވަނީ ގޮވުމުގެ މާހައުލެއް އުފެދިފައެވެ. އެހެންވެ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޗިލީ ސަރުކާރުން ވަނީ އެސަރަހައްދުގައި ދިރިއުޅޭ 3500 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

މިފަހަރުގެ ގޮވުމަކީ ޗިލީއަށް މިފަހަކަށް އައިސް އެންމެ ބޮޑަށް އަސަރުކުރި އެއް ގޮވުމެވެ. ނަމަވެސް މީގެ ތިން އަހަރު ކުރިން އެ ގައުމުގެ ޗައިޓެން ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެރި އަޅިއާއި ގޭސް ސްޓެރެޓޯސް ފިޔަ އޭ ކިޔާ ފަށަލައާ ހިސާބަށް މައްޗަށް އަރައި ޖައްވުން ފެންނަން ހުއްޓެވެ. އެފަހަރުވެސް ޗިލީއާ އެއް އިން ވެގެން އޮންނަ އާޖެންޓީނާއަށް އެކަމުގެ އަސަރުކޮށް، އެގައުމުގައި ވެސް އަޅީގެ ފަށަލައެއް ލެވުނެވެ. އަދި ދެކުނު އެމެރިކާ ބައްރުގައިވާ އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަ ކަމަށްވާ ލައިމާ އަލިފާން ފަރުބަދަ ވެސް ގޮވީ ހަމަ އެއަހަރުއެވެ. އަދި ހަމަ އެފަރުބަދަ 2009 ވަނަ އަހަރުވެސް ގޮވިއެވެ.

ގާތްގަނޑަކަށް 2000 ފަރުބަދަ ހުންނަ ޗިލީގެ ޕްޔެޗޫ އަލިފާންފަރުބަދަ ޗޭނަކީ ދުނިޔޭގެ ދެ ވަނައަށް އެންމެ ބޮޑު އަލިފާން ފަރުބަދަ ޗޭނެވެ. ދުނިޔޭގެ އެންމެ ބޮޑު އަލިފާން ފަރުބަދަ ޗޭނު އޮންނަނީ އިންޑޮނޭޝިޔާގަ އެވެ. އަދި އޭގެ ތެރެއިން 60-50 އާ ދެމެދުގެ އަދަދެއްގެ ފަރުބަދަ ވަނީ ކައިރި މާޒީއެއްގައި ގޮވާފައެވެ. އަދި އޭގެ ތެރެއިން ގަތްގަނޑަކަށް 500 ފަރުބަދައަކީ ގޮވާފާނެ ކަމަށް ބެލެވިފައިވާ ފަރުބަދަތަކެވެ.