03 Oct 2016, 11:40
ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ބުނީ ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ހުކުމްކޮށްފައިވަނީ ވ. ފެލިދޫ، ބޮޑުކުންނާރުގެ، ޖަމީލް އަލީ ގެއަށް ކަމަށެވެ. އޭނާގެ އުމުރަކީ 20 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދައުލަތުން ޖަމީލް އަލީގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރު ޖޫންމަހު ނުވަ ވަނަ ދުވަހުގެ 10:50 ހާއިރު ވ. ފެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރިހާކުރު ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
ދައުވާ ބެލުމަށްފަހު ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނަނީ ދައުލަތުން، ޖަމީލް އަލީގެ މައްޗަށް ކޮށްފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާގެ އިއުތިރާފުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެގެންވާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާތީ، ގާނޫނު ނަމްބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަމީލް އަލީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅާކަމަށެވެ.
އެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނު ނަމްބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖަމީލް އަލީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ ހަމަސް ދުވަހުގެ ތެރޭގައި ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.