03 Oct 2016, 11:46
ހުޅުމާލޭ ކުޑަކުދިން ހިޔާއިން ކުދިން ފިލާ މައްސަލައަށް ހައްލު ގެނައުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފި އެވެ.
މިފަހަކަށް އައިސް ހުޅުމާލޭ ކުޑަކުދިންގެ ހިޔާއިން ކުދިން ފިލުން ވަނީ އާންމުވެފަ އެވެ. ސްކޫލުން އަންނަ މަގުމަތިން ބައެއް ކުދިން ފިލާއިރު ގިނަ ކުދިން ފިލަނީ އެއިމާރާތުގެ 20 ފޫޓު އުސް ވަށާފާރު ހުރަސްކޮށެވެ.
ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒް އަދުނާން މިއަދު ސަން އަށް ވިދާޅުވީ، ކުދިން ފިލާ މައްސަލަ މިހާރު ދިމާ ނުވާ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ކުދިން ފާރަށް އެރުމަށް ބޭނުންކުރާ ފާރުބުރި ފަދަ ތަންތަން އުސްކޮށް ހަދާފައިވާ އިރު ހުސް ވަގުތުތަކުގައި ކުދިން ކުޅެހެދުމަށް ހާއްސަ ސަރަހައްދެއް މިހަފްތާގައި ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ކުޅިވަރުކުޅޭ ބިން ހުޅުވުނީމަ މި މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް، ބެކްޔާޑުގައި އޮންނާނެ ވަރަށް ބޮޑު ހުސްތަނެއް، އެތަން މަލްޓި ޕާޕަސްސްކޮށް ފިޒިކަލް ކުޅިވަރުތަކާ އެކު އުމުރު ފުރައަށް އެބަތައްޔާރުކުރަން،" ޒީނާޒް ވިދާޅުވި އެވެ.
އެސަރަހައްދުގައި އެންމެ ތުއްތުކުދިންނަށް ވެސް ކުޅިވަރުކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު އޭގެ އިތުރުން ފުޓްބޯޅަ އާއި ސްޓޭޖް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި ކަމަށް ޒީނާޒް ވިދާޅުވި އެވެ. އެއީ އެސްޓީއޯގެ ސޮޕޮންސާއެއްގެ ދަށުން ކުރެވޭ މަސައްކަތެކެވެ.
ކުޑަކުދިންގެ ހިޔާއަށް ކުދިން އިތުރުވަމުންދާ އިރު މުވައްޒަފުން ނެގުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ކުޑަކުދިންގެ ހިޔާގައި ގިނަ އަދަދެއްގެ ކުދިން މިހާރު ވެސް ތިބިއިރު އެއީ މުޅިން ވެސް 10 އަހަރުން ދަށުގެ ކުދިންނެވެ.