03 Oct 2016, 10:41
އިންޑިއާގެ އަގްރޯހާގެ ކުރީގެ ރަސްކަލެއް ކަމަށްވާ މަހަރާޖާ އަގްރާސެންގެ ތަސްވީރެއް ކުރަހާފައި ހުންނަ ޕޯސްޓޭޖް ސްޓޭމްޕެއް ރާއްޖެއިން އުފައްދައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ އާއި ރާއްޖެއާ އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަގްސަދުގައި ރާއްޖެއިން މި ސްޓޭމްޕް އުފައްދައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އިންޑިއާއިންވެސް މަހަރާޖާ އަގްރާސެންގެ ކުރެހުމެއް ހުންނަ ސްޓޭމްޕެއް ހަދާފައި ވެއެވެ. އެ ސްޓޭމްޕު ހަދާފައިވަނީ 1976 ވަނަ އަހަރުގެ ތެރޭގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާ ނޫން އެހެން ގައުމަކުން އިންޑިއާގެ ބޭފުޅެއްގެ ކުރެހުން ކުރަހާފައި ހުރި ސްޓޭމްޕެއް އެގައުމަށް ވެދުން ކުރި ކުރުމަކީ ރާއްޖެއިން އެގައުމަށް ކުރާ ގަދަރާއި އިހްތިރާމް ދޭހަވެގެންދާ ކަމެކެވެ.
މަހަރާޖާ އަގްރާސެން އަކީ އިންޑިއާގެ ތާރީޚުގައި އެގައުމަށް ވިޔަފާރީގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެއްވި ރަސްކަލެކެވެ. އެ ރަސްގެފާނަކީ ވިޔަފާރިވެރިންގެ ސިޓީއެއް އުފައްދަވައި ވިޔަފާރީގެ ބޮޑު ކިންގްޑަމެއް ބިނާ ކުރެއްވި ބޭފުޅެއް ކަމަށް ތާރީޚުން ފެނެއެވެ.
"އިންވެންޝަންސް އެންޑް އެކްސްޕްލޮރޭޝަން"ގެ ސީރީސްގެ ދަށުން އުފެއްދި މި ސްޓޭމްޕު އިންޑިއާ ސަރުކާރަށް ހަދިޔާކޮށްފައިވާއިރު މި ސްޓޭމްޕުގެ 1،200 ލިމިޓެޑް އެޑިޝަން ކޮޕީވެސް އުފައްދާފައިވެއެވެ. ލިމިޓެޑް އެޑިޝަންގެ ސްޓޭމްޕުތައް ހުންނާނީ ގޯލްޑް ފޮއިލްތަކަކާއި ހަތަރު ކްރިސްޓަލް ބޭނުންކޮށްގެން ޖަރީކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަހަރާޖާ އަގްރާސެންގެ ސްޓޭމް ހިމަނާފައިވާ ސްޓޭމްޕް ސީރީސްގައި ދުނިޔޭގެ މަޝްހޫރު ލެޖެންޑުންގެ ސްޓޭމްޕުވެސް ހިމެނެއެވެ. އެގޮތުން އަލްބާޓް އެއިންސްޓައިން އާއި ތޯމަސް އެޑިސަންއާއި ކްރިސްޓޮފާ ކޮލަމްބަސްގެ އިތުރުން ޗާރލްސް ޑާވިން އަދި ވެލެންޓީނާ ޓެލެޝްކޮވާގެ ކުރެހުން ހުންނަ ސްޓޭމްޕުތައް "އިންވެންޝަންސް އެންޑް އެކްސްޕްލޮރޭޝަން" ސްޓޭމްޕް ސީރީސްގައި ހިމެނެއެވެ.
ލިމިޓެޑް އެޑިޝަންގެ 1200 ސްޓޭމްޕުގެ ތެރެއިން 1000 ސްޓޭމްޕު ވިއްކަން ހަމަޖައްސާފައިވަނީ އިންޑިއާގެ ވިޔަފާރި ވެރިންނަށެވެ.
މައުލޫމާތު: އިކޮނޮމިކް ޓައިމްސް އޮފް އިންޑިއާ