03 Oct 2016, 11:07
މަސްގަތު(އޮކްޓޯބަރު 3): ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އުމާންގެ ރަސްގެފާނު ގާބޫސް ބިން ސައީދު އިސްނަންގަވައިގެން ޔަމަންގެ ވާދަވެރި ފަރާތްތަކާއި ގަލްފުގެ އަރަބި ގައުމުތައް ހިމެނޭގޮތަށް އެފަރާތްތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް މަސްގަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ގަލްފުގެ މަތީފެންވަރުގެ ދާއިރާތަކާ ހަވާލާދީ ގަލްފުގެ ނޫސްތައް ބުނާގޮތުން ސައޫދީ އަރަބިޔާއާއި ގަލްފުގެ ގިނަ އަރަބި ގައުމުތައް މިހާރު ބޭނުންވަނީ ޔަމަންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ. އުމާން ފިޔަވައި ގަލްފުގެ އެހެން ގައުމުތަކަކީ ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަދެގެންފައިވާ އަރަބި އެލަޔަންސްގައި ހިމެނޭ ގައުމުތަކެވެ. މިއެލަޔަންސް ލީޑްކުރަނީ ސައޫދީ އެވެ.
މިދިޔައަހަރުގެ މާޗް މަހު އަރަބި އެލަޔަންސުން ޔަމަންގެ ހަނގުރާމައަށް ވަދެގަތީ އެގައުމުގެ އިދިކޮޅު ހޫޘީން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބަލިކޮށް އެ ޖަމާއަތުގެ އަތްދަށުން ވެރިރަށް ސަންޢާ މިނިވަންކޮށް ރައީސް އަބްދުރައްބުމަންސޫރު ހާދީގެ ސަރުކާރު ސަންއާއަށް އަނބުރައި ރުޖޫއަކޮށްދޭނެ ކަމަށް ބުނެފަވެ.
ދޮޅުއަހަރު ވީއިރުވެސް އަރަބި އެލަޔަންސަށް މިމަގްސަދު ޙާސިލް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޔަމަންގެ ބައެއް ސަރަހައްދުތަކުން ހޫޘީން ފަހަތަށް ޖެއްސުމުގައި އަރަބި އެލަޔަންސަށް ކާމިޔާބީތަކެއްވެސް ލިބިފައިވެއެވެ.
ޔަމަންގެ ހަނގުރާމަ ދިގުލައިގެން ދިޔުމާއެކު ސައޫދީއަށާއި ގަލްފުގެ ގައުމުތަކަށްވަނީ މާލީ މައްސަލަތައްވެސް ވަރަށްބޮޑަށް ކުރިމަތިވެފައެވެ. ޔަމަންގެ ހަނގުރާމަ ކުރިޔަށްގެންދިޔުމަށް ދުވާލެއްގެ މައްޗަށް 100 މިލިޔަނާއި 150 މިލިޔަން ޑޮލަރުގެ ޚަރަދެއް އަރަބި އެލަޔަންސްގެ ގައުމުތަކުން ތަހައްމަލް ކުރާ ކަމަށްވެއެވެ. އަދި އަރަބި އެލަޔަންސްގެ ވައިގެ ޙަމަލާތަކުގައި ޔަމަންގެ އާންމުން މަރުވަމުންދިޔުމުން އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުގެ ފާޑުކިޔުންތައް އަރަބިއެލަޔަންސްގެ ގައުމުތަކަށް އަމާޒުވެފައިވެއެވެ.
މިއާއެކު އީރާނުގެ ތާއީދު ލިބޭ ޔަމަންގެ ހޫޘީން ބަލިކޮށްލުމަކީ އަރަބި އެލަޔަންސަށް ކުރެވޭނެ ކަމެއްކަމަށް ނުބެލެވޭތީ ގަލްފުގެ ގިނަ ގައުމުތައް މިހާރު ބޭނުންވަނީ ޔަމަންގެ ހަނގުރާމަ ހުއްޓާލުމަށް ކަމަށް ޚަބަރުތައް ބުނެއެވެ. ގަލްފުގެ މަތީފެންވަރުގެ ދާއިރާތަކާ ހަވާލާދީ ގަލްފުގެ ނޫސްތައް ބުނާގޮތުން ސުލްތާން ގާބޫސްގެ ބެއްލެވުމުގެ ދަށުން މަސްގަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި ސަމިޓް ސައޫދީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެގައުމުގެ އެންމެ ބާރުގަދަ ޝަޚްސިއްޔަތު ކަމަށްވާ ދިފާއީ ވަޒީރު އަދި ވަލިއުލްއަހްދުގެ ނައިބު މުހައްމަދު ބިން ސަލްމާންއެވެ.
ކުވައިތުގެ ފަރާތުން އެގައުމުގެ އަމީރު ސަބާހުލްއަމްމަދެވެ. ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ފަރާތުން ބޮޑުވަޒީރު އައްޝައިޚް މުހައްމަދު ބިން ރާޝިދު އާއި އަބޫދަބީގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދެވެ. ޔަމަންގެ ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރައީސް ހާދީކަން ނޫނީ ބޮޑުވަޒީރު ބެންދަޣްރުކަން ސާފުވެފައެއް ނުވެއެވެ. ހޫޘީންގެ ފަރާތުން ބައިވެރިވަނީ އެޖަމާއަތާއި އެޖަމާއަތާ ގުޅިފައިވާ ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ޖާމާއަތް ހިމެނޭގޮތަށް އެއްވަފްދެވެ. ހޫޘީންގެ ވަފްދުގެ ވެރިއަކީ އެޖަމާއަތުގެ ސިޔާސީކަންކަމާބެހޭ ވެރިޔާ ސާލިޙް އައްސަމާދުކަމަށްވެއެވެ.
ގަތަރުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއްގެ ނަންވެސް ސާފުވެފައެއް ނުވެއެވެ. މަސްގަތުގައި ބާއްވާ ސަމިޓްގައި ޔަމަންގެ ހަނގުރާމަ ނިމުމަކަށް އެއްބަސްވުމަށް ހަމަޖެހިފައިވަނީ އދ.ގެ ބެލުމުގެ ދަށުން ކުވައިތުގައި ދާދިފަހުން ބޭއްވި ޔަމަންގެ ސުލްހައިގެ ވާހަކަތަކުގައި އެއްބަސްވެފައިވާ ކަންކަމުގެ މައްޗަށްކަމަށް ވެއެވެ. ނަމަވެސް މިއެއްބަސްވުމަށް ބައެއް ބަދަލުތައް ގެނައުމަކީ އެކަށީގެންވާ ކަމެވެ.
އުމާނަކީ އަރަބި އެލަޔަންސްގައި ބައިވެރިވާ ގައުމެއް ނޫނެވެ. އުމާނަކީ ގަލްފުގެ އެހެން ގައުމުތަކާ ތަފާތު މަޑުމައިތިރި ހިކްމަތްތެރި އަދި ހަނގުރާމައާ ދުރު ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. (ގަލްފުގެ މީޑިޔާ)