ބަރަމުއްލާ(އޮކްޓޯބަރު 3): ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ހުންނަ އިންޑިއާގެ އަސްކަރީ ކޭމްޕަކަށް، ހަތިޔާރުއަޅައިގެން ތިބި ބަޔަކު ރޭގެ ވަގުތެއްގައި ބަޑިއާއި ބޮމުގެ ހަމަލާއެއް ދީފި އެވެ.

ކަޝްމީރުގެ ބަރަމުއްލާ ސިޓީގައި ހިނގި އެ ހާދިސާގައި އިންޑިއާ ސިފައިން ވެސް ވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަމަލާތައް ދީފައެވެ. އެ ހަމަލާތަކުގައި އިންޑިއާގެ ބޯޑަރު ސެކިއުރިޓީ ފޯސް (ބީއެސްއެފް)ގެ ގާޑަކު މަރުވެ، އިތުރު މީހަކަށް އަނިޔާވި އެވެ.

އިންޑިއާ އަސްކަރިއްޔާގެ ކޭމްޕަކަށް ރޭ އެހަމަލާތައް ދީފައި ވަނީ އިންޑިއާ ސިފައިން ކަޝްމީރުގައި އޮންނަ ލައިން އޮފް ކޮންޓްރޯލްގެ އެކި ސަރަހައްދުތަކުގައި "ޕާކިސްތާނުގެ ޓެރަރިސްޓުންނާ ދެކޮޅަށް" ހަމަލާތައް ދިންތާ ތިން ދުވަސް ފަހުންނެވެ.

އިންޑިއާއިން އެ ހަމަލާތައް ދިނީ ކަޝްމީރުގައި ހުންނަ އިންޑިއާ އަސްކަރިއްޔާގެ ބޭސްއަކަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު، މިދިޔަ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ 18 ސިފައިން މަރާލުމާ ގުޅިގެންނެވެ. ކަޝްމީރުގެ އުރީގައި ދިން އެ ހަމަލާއާ ގުޅިގެން ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުން ދަނީ ކަޝްމީރަކީ މިނިވަން ދައުލަތަކަށް ހެދުމަށް ނުވަތަ ޕާކިސްތާނުގެ ބަޔަކަށް ހެދުމަށް ހަނގުރާމަ ކުރަމުންދާ މީހުންނަށް ހަތިޔާރުދީ ތަމްރީނު ކުރަމުންނެވެ.

ޕާކިސްތާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އިންޑިއާއިން އެފަދަ ވާހަކަތައް ދައްކަމުން ގެންދަނީ ކަޝްމީރުގައި އިންޑިއާ ސިފައިން ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ފޮރުވުމަށް ކަމަށް ބުނެފައެވެ.

އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން މުޒާހަރާ ކުރާތާ ދެމަސްވެފައިވާ އިރު އެ މުޒާހަރާތަކުގެ ބައިވެރިންނާއި އިންޑިއާ ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. (ބީބީސީ)