ކާޑުގެ ބާވަތްތަކަށް ދައުލަތުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ސަބްސިޑީއަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަތުން މާލޭގެ ހަތަރު ސަރަހައްދެއްގައި ފަށައިފިއެވެ.

އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލް މިއަދު ސަންއަށް ވިދާޅުވީ، އެ އޮފީހުންނާއި ހުޅުމާލެ އަދި ވިލިމާލެ ޓާމިނަލްގެ އިތުރުން މީރާ އޮފީސް ކައިރީ ބަހައްޓާފައިހުރި މޭޒުތަކަކުން، ސަބްސިޑީއަށް އެދޭ ފޯމް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

އަތޮޅުތެރޭން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކައުންސިލްތަކުންނެވެ.

މުޖުތަބާ ވިދާޅުވީ، ސަބްސިޑީއަށް އެދޭ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން އޭގެ ހައްގުވެރިންނަށް ސަބްސިޑީ ލިބިގެންދާނެ ކަމަށެވެ.

ކާޑު ސަބްސިޑީ ދިނުމުގައި އަމަލު ކުރާނީ "ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދާ" އެއް ގޮތަށް ކަަމަށް އެންސްޕާ އިން ބުނެއެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ނަމަ އެހީއަށް އެދޭ ފަރާތަކީ ފަގީރުކަމުގެ ހާލަތު ދެނެގަތުމާ ބެހޭ ގޮތުން އޭޖެންސީން ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރަށް ވުރެ މަދުން އާމްދަނީ ލިބޭ އަދި ދިރިއުޅުމުގެ ހާލަތު ދަށް ފަރާތެއް ކަމުގައި ވާންވާނެ އެވެ.

އެ ގަވާއިދުގެ ދަށުން، ކާބޯތަކެއްޗަށް ދެވޭ މާލީ އެހީގެ ގޮތުގައި މީލާދީ ކޮންމެ މަހަކަށް ޝަރުޠު ހަމަވާ ކޮންމެ ފަރާތަކަށް 40 ރުފިޔާ ލިބިދެވޭނެ އެވެ. މިގޮތުން އެހީއަށް އެދި ހުށަހަޅާ ގޭބިސީތަކަށް މަހެއްގެ މައްޗަށް ގިނަވެގެން ލިބިދެވޭނީ 240 ރުފިޔާއެވެ.

ކާބޯތަކެތީގެ އަގަށް އައި ބަދަލާ އެކު އެސްޓީއޯއިން އިއުލާން ކޮށްފައިވާ ގޮތުން، 3.98 ރުފިޔާއަށް ވިއްކަމުން އަންނަ ހަނޑޫ ކިލޯގެ އަގު، 7.96 ރުފިޔާއަށް އުފުލޭނެ އެވެ. އަދި 4.50 ރުފިޔާއަށް ވިއްކާ ހަކުރު ކިލޯގެ އަގު އަށް ރުފިޔާއަށް، އަދި 3.50 ރުފިޔާއަށް ދޭ ފުށް ކިލޯގެ އަގު 5.96 ރުފިޔާއަށް މިއަދުން ފެށިގެން ބޮޑުވާނެ އެވެ. އަދި އަތޮޅުތެރެއަށް އެއަގުތައް އިތުރަށް ބޮޑުވެ އެވެ.