03 Oct 2016, 08:39
އިންޑިއާގެ ކްރިކެޓް ލެޖެންޑް މަހެންދްރަ ސިންގ ދޯނީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު، "އެމްއެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ރިލީޒް ކުރިތާ ފުރަތަމަ ދެ ދުވަހު ވެސް އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަ ދެ އެވެ.
ސުޝާންތު ސިންގ ރާޖްޕުތު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަށް ވަނީ ދެ ދުވަހުގެ ތެރޭގައި 41.90 ކުރޯޑު ރުޕީޒް ލިބިފައެވެ.
އެއާއެކު އެ ފިލްމު ވަނީ މި އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން، ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ލިސްޓުން ޖާގަ ހޯދައިފައެވެ.
'އެމްއެސް ދޯނީ' އެ ލިސްޓުން ޖާގަ ހޯދީ ހަ ވަނައިގައި އޮތް، ޝްރައްދާ ކަޕޫރު އަދި ޓައިގާ ޝްރޯފްގެ 'ބާޣީ' ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
ފިލްމަށް އާދީއްތަ ދުވަހާއި ހޯމަ ދުވަހު ރަނގަޅު ކާމިޔާބެއް ލިބިއްޖެ ނަމަ، 'އެއަރ ލިފްޓް'، 'ހައުސްފުލް 3، 'ރުސްތަމް' އަދި ފޭން ފަހަތަށް ޖައްސާލުމަށްފަހު ސަލްމާން ޚާންގެ 'ސުލްތާން'ގެ ފަހަތުން ލިސްޓުގެ ދެވަނަ ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.
'އެމް.އެސް. ދޯނީ' އަކީ ނީރަޖް ޕާންޑޭ ޑައިރެކްޓު ކޮށްފައިވާ ފިލްމެކެވެ. ސުޝާންތުގެ އިތުރުން އެ ފިލްމުގެ މުހިންމު ރޯލުތަކުން ދެން ފެނިގެން ދާނީ ކިއާރާ އަދްވާނީ، ދިޝާ ޕަޓާނީ އަދި އަނުޕަމް ޚޭރު އެވެ.