މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ވެސްޓަން ޔޫނިއަން މަނީޓްރާންސްފާ އިން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފި އެވެ.

ފުލުހުން ބުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު މިރޭ 12:45 ހާއިރު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށް ފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާ ކަމަށެވެ.

ސަންއާ ވާހަކަދައްކަމުން ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ މޫނުނިވާކޮށްގެން ތިބި މީހުން ވެސްޓަން ޔޫނިއަންގެ އޮފީހަށް ވަނީ ދިރާގުގެ މުވައްޒަފުންތަކަށް ހެދިގެން ކަމަށެވެ.

"ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީހުގެ ދޮރުގައި ހުރީ ތަޅުލާފައި. ދެން އެމީހުން ގޮސް ބުނީ ތިމަންނަމެންނަކީ ދިރާގު މުވައްޒަފުންނޭ ހުޅުވާށޭ. ދޮރުހުޅުވިތަނާ މޫނުނިވާކޮށްގެން އެތެރެއަށް ވަނީ،" އެ ސަރަހައްދުގައި ހުރި މީހަކު ސަން އަށް ކިޔައިދިނެވެ.

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ އޮފީސް ތެރޭގައި އެތަނުގެ ބައެއް މުވައްޒަފުންނާއި ފުލުހުން --- ސަން ފޮޓޯ: އަހުމަދު އާޒިފް

އެ ފައިސާ ފޭރިގެންފައި ވަނީ އެ އޮފީސް ތެރޭގައި ތިބި މުވައްޒަފުން ބަނުމަށް ފަހު ވަޅިން ބިރުދައްކައިގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު ބުނީ ފައިސާތައް ފޭރިގަނެގެން އެމީހުން ބާރަށް ދުވެފައިގޮސް ވަނީ ހ. ތާޅަފިލިގެއަށް ކަމަށެވެ.

އެމީހުން ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފައިސާހުރި ދަބަހުގެ އިތުރުން ސިޑި ގޮޅީގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ހުރި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އިން ފޭރުނު މީހުން ފިލަން ވަދެގަތް ހ. ތާޅަފިލިގެ ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ: އަހުމަދު އާޒިފް

ފައިސާތައް ފޭރިގަނެގެން ދުވެފައި ދިޔައިރު، އެމީހުންގެ ޖީބުތަކުން ފައިސާތަކެއް ބިންމަންޗަށް ވެއްޓިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ފައިސާތައް މަގުމަތިން ފެނުނު މީހުން ވަނީ ފައިސާތައް ނަގައިގެން ގޮސް ފުލުހުންނާ ހަވާލުކޮށްފައި،" އޭނާ ބުންޏެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް ވަނީ ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ އޮފީހަށާއި ތާޅަފިލިގެއަށް ގޮސް ހަރަކާތްތެރިވެފަ އެވެ.

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އިން ފޭރުނު ބައެއް ރުފިޔާ ހ. ތާޅަފިލިގޭގެ ސިޑި ގޮޅީގައި ----

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރޭގައި ތިބި ހަތަރު ބިދޭސީއަކު ބަނުމުގެ ގޮތުން އެމީހުންގެ ގައިގައި ކްލިޕް އަޅުވާފައިވާ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.

ސަންއާ ވާހަކަދައްކަމުން ތާޅަފިލިގޭގައި ދިރިއުޅޭ މީހަކު ބުނީ ވެސްޓަން ޔޫނިއަނުން ފައިސަތައް ވަގަށް ނެގި މީހުން ފިލީ އެގެއަށް ވަނުމަށް ފަހު ކަމަށެވެ. ނަމަވެސް އެ މީހުން ފިލި ގޮތް ބުނެދޭން ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނީ އެތަނުން ފޭރުނީ ކިހާ އަދަދެއްގެ ފައިސާތަކެއް އަދި ނޭނގޭ ކަމަށެވެ.