03 Oct 2016, 08:39
ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު ނަވާޒުއްދީން ސިއްދީގާއި އޭނާގެ އާއިލާއާ ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ނަވާޒުއްދީން އާއި އޭނާގެ އާއިލާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ނަވާޒުއްދީންގެ ކޮއްކޮ، މިނާއުއްޒިއްދީން ސިއްދީގުގެ އަންހެނުންނެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅީ އާއިލާގެ ފަރާތުން އަންހެން މީހާ އަށް އަނިޔާކުރާ ކަމަށް ބުނެ އެވެ.
އެގޮތުން އަންހެން މީހާގެ ބަނޑަށް ތިން މަހުގައި ނަވާޒުއްދީން، އެ އަންހެން މީހާގެ ބަނޑުގައި ކޮޅުފައިން ޖަހައި އަނިޔާ ކުރި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ވެސް ނަވާޒުއްދީން އޭނާ އަށް އަނިޔާ ކުރި ކަމަށް ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން، ކައިވެންޏަށް ފަހު އަންހެން މީހާގެ އަތުން ފައިސާ ހޯދަން ވެސް އެ އާއިލާ އިން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަފްސީލުގައި ބުނެފައިވެ އެވެ.
އަންހެން މީހާ އާއި މިނާއުއްޒިއްދީން ސިއްދީގު ކައިވެނިކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.
ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރުމަށް ފަހު ގާނޫނާ އެއްގޮތަކަށް އަމަލު ކުރަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.