ސަރުކާރުން ކާޑުގެ ބާވަތްތަކަށް ފޯރުކޮށްދެމުން އައި ސަބްސިޑީގެ 40 ޕަސަންޓު ޚަރަދުވަމުން އައީ ރާއްޖޭގައި އުޅޭ ބިދޭސީންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކާޑުގެ ބޮޑުބައެއް ޚަރަދުވަމުން ދަނީ އޭގެ ހައްގުވެރި ނޫން ބަޔަކަށް ކަމަށެވެ.

އެގޮތުން، އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާތައް ދައްކާ ގޮތުގައި ރާއްޖޭގައި ދިވެހީންގެ އާބާދީ އުޅޭނީ 340،000 ގައި ކަމަށް ވާ އިރު، އޭގެ އިތުރަށް 124،000 ވަރަކަށް ބިދޭސީން ވެސް ރާއްޖޭގައި މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް އަހަރަކު މިލިޔަނަކަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ސަބްސިޑީއަށް ހޭދަވާ ފައިސާގެ 17 ޕަސަންޓު ހޭދަވަނީ ފަތުރުވެރިންނަށް ކަމަށާއި، 24 ޕަސަންޓު ހޭދަވަނީ ބިދޭސީންނަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފަތުރުވެރިން ރާއްޖޭގެ ރިސޯޓުތަކަށް އަންނަނީ އަޅުގަނޑުމެންގެ ކައިރިން ސަބްސިޑައިޒް ކޮށްގެން ކާންދޭކަށް ނޫން. އާންމު މަސައްކަތްތެރިން ބަންގްލަދޭޝާއި ސްރީލަންކާފަދަ ތަންތަނުން ގެންނަނީ ސަބްސިޑައިޒް ކޮށްގެން ކާންދޭކަށް ނޫން،"

މިނިސްޓަރު ވިދާޅުވީ، ރާއްޖެ ވެލްފެއާ ސްޓޭޓަކަށް ނުވުމަށް މާލީ އިދާރާތަކުން އިރުޝާދުދޭ ނަމަވެސް، ހައްގުވެރިންނަށް ސަބްސިޑީތައް ފޯރުކޮށްދިނުމަށް އެތަންތަނުން ބުނާ ކަމަށެވެ.

އެހެންކަމުން ސަބްސިޑީ ފޯރުކޮށްދޭންޖެހޭ، އޭގެ ހައްގުވެރިންނަށް ސަރުކާރުން ސަބްސިޑީ ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މުއްސަނދިން ކަރަންޓާއި ކާޑު ސަބްސިޑީ ނަގާ މައްސަލަ ހައްލު ކުރުމަށް އެމްޑީޕީގެ ސަރުކާރުގައި ވެސް ވާހަކަ ދެކެވިފައި އޮތް ކަމަށާއި، ނަމަވެސް އެ ސަރުކާރުން ކުރި ކަމަކީ ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކުރުން ކަމަށެވެ.

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އައި ސަބްސިޑީ ކުއްލި ގޮތަކަށް ދާދިފަހުން ވަނީ ކަނޑައިލާފައެވެ. އެއާއެކު 3.98 ރުފިޔާ އަށް ކުރިން ވިއްކަމުން އައި ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް ވަނީ އުފުލިފައެވެ. ހަކުރު ކިލޯޯ 4.50 ރުފިޔާއިން އަށް ރުފިޔާއަށް، އަދި ފުށް ކިލޯ 3.50 ރުފިޔާއިން 5.96 ރުފިޔާއަށް ވަނީ އުފުލިފައެވެ.