ސްޕެނިޝް ލަލީގާގައި އައިބާ އަތުން އެއްވަރުވެ، ރެއާލް މެޑްރިޑުން އިތުރު ޕޮއިންޓްތަކެއް ގެއްލުވާލައިފިއެވެ.

ލަލީގާގައި މިއަދު ރެއާލް އާއި އައިބާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

އެ ނަތީޖާއާ ގުޅިގެން ރެއާލަށް ވަނީ އަލުން ތާވަލުގެ އެއް ވަނައަށް އެރުމުގެ ފުރުސަތު ގެއްލިފައެވެ. ތާވަލުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަތް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. އެތުލެޓިކޯ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ލަލީގާގައި މިރޭ ސެލްޓާ ވިގޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތް ބާސެލޯނާ އަށް ތާވަލުގެ އެއް ވަނައަށް އެރޭނެއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް ކޮޅަށް ޖެހި ލަނޑަށްފަހު އައިބާގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

ރެއާލްގެ އަމިއްލަ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދާފައިވަނީ އައިބާ އިންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި އެންޑާ ކަޕާ ނަގައިދިން ހުރަހަކުން އައިބާ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ފްރޭން ރިކޯއެވެ.

އައިބާ އިން ލީޑު ހޯދިތާ 11 މިނެޓް ފަހުން ރެއާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނަގައިދިން ހުރަހަކުން ރެއާލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ވޭލްސް ތަރި ގެރެތު ބޭލްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ރެއާލް އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ރެއާލްގެ ރޮނާލްޑޯ އާއި ބޭލް އަށް ލިބުނު ފުރުސަތުތަކުން އުފެއްދި ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ވަނަ މިނެޓުގައި ރެއާލް އަށް އިތުރު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ބޭލް އުފެއްދި ހަމަލާ އައިބާ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތުމާއެކު ލިބުނު ބޯޅައިން ރޮނާލްޑޯ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަހުން ވެސް ރެއާލުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށް، ލީޑު ހޯދުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ސްޕެނިޝް ލަލީގާގައި އައިބާ ކޮޅަށް ޖެހި ލަނޑަށްފަހު ރެއާލްގެ ބޭލް އުފާފާޅުކުރަނީ: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އެސްޕާނިޔޯލް އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ވެލެންސިއާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން އެތުލެޓިކޯ މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ. އެ މެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދީފައިވަނީ އެންޓޮއިން ގްރީޒްމަން އާއި ކެވިން ގެމޭރޯއެވެ.

ލަލީގާގައި މިރޭ ފަހަތުން އަރައި އެތުލެޓިކް ކްލަބު އަތުން މަލާގާ ވަނީ މޮޅުވެފައެވެ. މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އަޑޫރިޒް އެތުލެޓިކް ކްލަބަށް ލީޑު ހޯދައިދިން ނަމަވެސް، ދެ ވަނަ ހާފުގައި ސަންޑްރޯ ރަމިރޭޒް އާއި ޑުޑާގެ ލަނޑުން މަލާގާ އަށް ވަނީ ލީޑު ލިބިފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކް ކްލަބުގެ ބަލެންޒިއާގާ އަށް ރަތް ކާޑެއް ދެއްކި އިރު، ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި މަލާގާގެ ބަކީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައިފައެވެ.