02 Oct 2016, 23:35
ގއ. ކަނޑުހުޅުދޫ ފުޓުސަލް ދަނޑުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.
ކަނޑުހުޅުދޫ ފުޓުސަލް ދަނޑު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ގއ. އަތޮޅުގެ ރީޖިނަލް މެނޭޖަރު މުހައްމަދު ޝަފީގު ސަން އަށް ވިދާޅުވީ އެ މަސައްކަތް ފަށާފައި ވަނީ އިއްޔެ ބޭއްވި ރަސްމިއްޔާތަކަށްފަހު ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފުޓުސަލް ދަނޑުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.
އޭނާ ވިދާޅުވީ ކަނޑުހުޅުދޫ ފުޓުސަލް ދަނޑުގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި އެކުންފުނިން ނިންމާނެ ކަމަށެވެ. އެ ދަނޑުގެ ފުޅާ މިނުގައި 72 ފޫޓު އަދި ދިގުމިނުގައި 96 ފޫޓު ހުންނާނެއެވެ.
ކަނޑުހުޅުދޫ ފުޓުސަލް ދަނޑުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާއިރު، އެއަތޮޅު ނިލަންދޫގައި ވެސް ފުޓުސަލް ދަނޑެއް ހެދުމުގެ މަސައްކަތް އެމްއާރްޑީސީން އަންނަނީ ކުރަމުންނެވެ. ޝަފީގު ވިދާޅުވިގޮތުގައި އެ ދަނޑުގެ 85 ޕަސެންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
އެމްއާރްޑީސީން ވަނީ ގއ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަމުގައިވާ ވިލިނގިލީގައި ވެސް ފުޓުސަލް ދަނޑެއް ގާއިމްކޮށްފައެވެ.