މިއަހަރު ކީރިތި ޤުރުއާން ހިތުދަސްކުރި ހަ ދަރިވަރަކަށް ޝަރަފުގެ އެވޯޑް ޤުރުއާނާ ބެހޭ މަރުކަޒުން ދީފިއެވެ.

ޤުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތް ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި ހާފިޒު ކަމުގެ ޝަރަފު ލިބުނު ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.

މިއަހަރު ޤުރުއާން ހިތުދަސްކޮށްގެން ޝަރަފުގެ އެވޯޑް ހޯދާފައިވަނީ:

  • ބައްސާމާ ސުލައިމާން، ފުނަކުރި/ ހއ. ދިއްދޫ

  • ސުލްތާން މުހައްމަދު ލަތީފު، ފެހިގެ/ ދ. މީދޫ
  • ހިމްނާ މުހައްމަދު އިޔާޒު، ހ. ލަކީ/ ކ. މާލެ
  • މަރިޔަމް ހުލްމާ މަޝްކޫރު، އިހާ/ ސ. ހިތަދޫ
  • އާލާ އަޒްމަތު ޖަމީލު، މއ. ނާރެސް/ ކ. މާލެ
  • އަހުމަދު ޝުޖާއު ޝަރީފު، ހުޅުމާލެ ފްލެޓް ނަންބަރު 04- ޖީ6

މިރޭގެ ރަސްމިއްޔާތުގައި ހާފިޒު ކަމުގެ އެވޯޑް ހަވާލުކޮށްފައިވަނީ ފަސް ދަރިވަރަކަށެވެ. އަހުމަދު ސުޖާއުއަށް އެވޯޑް ނުދެވުނީ އޭނާ އަކީ ސައުދީ އަރަބިއާގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރަކަށް ވުމުން، ރަސްމިއްޔާތަށް ނޭދެވުމުން ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

ޤުރުއާން ކިޔެވުމުގެ 31 ވަނަ ގައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، މުސްލިމުން އުޅެންވީ ގޮތް އަންގަވާފައިވަނީ ކީރިތި ޤުރުއާނުގައި ކަމަށާއި އެހެންކަމުން ޤުރުއާން ދިރާސާކުރަން ޖެހޭ ކަމަށެވެ.

އަދި ދިވެހިންނަކީ ޤުރުއާނާ އެއްގޮތަށް ދިރިއުޅުން ބައްޓަންކޮށް، އެ ޤުރުއާނުގައި އަންގާފައިވާ ގޮތަށް އުޅޭ ބަޔަކަށް ވުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގަތެވެ.

ޤުރުއާން ހިތު ދަސްކުރި ދަރިވަރަކަށް އިސްލާމިކް މިނިސްޓަރު ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވަނީ - ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ފެތުރުމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުމަގަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ބާއްވާ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 32 ސެންޓަރަކުން 183 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

އެއީ ހިތުން ކިޔެވުމުގެ ގޮފިން 52 ބައިވެރިންނާއި ބަލައިގެން ކިޔެވުމުގެ ގޮފިން 131 ބައިވެރިންނެވެ. އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން މިއަހަރުގެ މުބާރާތުގައި 20 ބައިވެރިން ބައިވެރިވެއެވެ.

ޤުރުއާން ހިތު ދަސްކުރި ދަރިވަރަކަށް އިސްލާމިކް މިނިސްޓަރު ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވަނީ - ސަން ފޮޓޯ: ފަޔާޒު މޫސާ

އަތޮޅު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށާއި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލައިގެން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ ފަށާފައިވާއިރު މުބާރާތަށް ވަނީ މުހިއްމު ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މިއަހަރުގެ މުބާރާތް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބާއްވަނީ ބައިނަލްއަގްވާމީ މުބާރާތްތަކާ އެއްގޮތަށް، މުބާރާތް އަލުން ފަރުމާކޮށްގެންނެވެ.

މީގެ އިތުރުން، ބާރާތުގައި ބައިވެރިވުމަށް ވަކި އުމުރުފުރައެއް ކަނޑައަޅާފައި އޮންނަ އޮތުން އުވާލައިފައިވާއިރު، މިއަހަރުގެ މުބާރާތުގައި އޮންނާނީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ ގޮތްޕަކުން ތިން ކެޓަގަރީ އަކުން ބައިވެރިންނަށް ބައިވެރިވެވޭ ގޮތަށެވެ.

ޤުރުއާން ހިތު ދަސްކުރި ދަރިވަރަކަށް އިސްލާމިކް މިނިސްޓަރު ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވަނީ - ސަން ފޮޓޯ: ފަޔާޒު މޫސާ

އަދި މުބާރާތުގައި އިންސާފު ކުރަން ނިންމާފައި ވަނީ، އަންހެން އަދި ފިރިހެން ވަކިންނެވެ. މުބާރާތުގެ ދެ ގޮފީގެ ކޮންމެ ބައެއްގައި އަންހެނުންނާއި ފިރިހެނުން ބައިވެރިވާއިރު މުބާރާތުގައި ބައިވެރިކުރުމަށް މަދުވެގެން ވަކި އަދަދެއް ކަނޑައަޅާފައެއް ވެސް ނުވެއެވެ.

މިއަހަރުގެ މުބާރާތުގެ ހިތުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވަން ހަމަޖެހިފައިވާއިރު، ކޮންމެ ގޮތް ޕަކުން އެންމެ ރަނގަޅު އަންހެން އަދި ފިރިހެން ދަރިވަރު ހޮވާނެ އެވެ.

މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ސިޓީ ނުވަތަ އަތޮޅު އަދި ޖަމިއްޔާއަށާއި ކޮންމެ ގޮތްޕަކުން ވެސް އެންމެ މޮޅު އަންހެން އަދި ފިރިހެން ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ދެއްވާނެ އެވެ.

ޤުރުއާން ހިތު ދަސްކުރި ދަރިވަރަކަށް އިސްލާމިކް މިނިސްޓަރު ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވަނީ - ސަން ފޮޓޯ: ފަޔާޒު މޫސާ