02 Oct 2016, 23:43
މެޗަކުން ބަލިނުވެ، މެންޗެސްޓާ ސިޓީން ދަމަހައްޓަމުންދިޔަ ރެކޯޑަށް ޓޮޓެންހަމް ހޮޓްސްޕާއިން ނިމުމެއް ގެނެސްފިއެވެ.
ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު އިނގިރޭސި ޕްރިމިއާ ލީގު މެޗުން ކޯޗު ޕެޕް ގާޑިއޯލާގެ ސިޓީ ބަލިވެފައިވަނީ 2-0 ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: ރޮއިޓާސް
އެ ނަތީޖާއާ އެކު ލީގު ތާވަލުގެ އެއް ވަނައިގައި އޮތް ސިޓީ އާއި ދެ ވަނައިގައި އޮތް ޓޮޓެންހަމްއާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ކުޅުނު ހަތް މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ އެއް ވަނައިގައި ސިޓީ އޮތް އިރު، ހަތް މެޗުން ލިބުނު 17 ޕޮއިންޓާއެކު ޓޮޓެންހަމް އޮތީ ތާވަލުގެ ދެ ވަނައިގައެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ލިވަޕޫލް އަށް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.
މިރޭ ކުޅުނު މެޗު ފެށިތާ ދިހަ މިނެޓްތެރޭ ޓޮޓެންހަމް އަށް ވަނީ ލީޑު ލިބިފައެވެ. އެ ލަނޑަކީ ސިޓީގެ އެލެކްސެންޑާ ކޮލަރޯވް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަތުން ބައިކޮޅަށް އެ ލަނޑު ވަދެފައިވަނީ ޑެނީ ރޯސް ނެގި ނުރައްކާތެރި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ވެސް ޓޮޓެންހަމް އަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޓޮޓެންހަމްގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އުފެއްދި އެ ހަމަލާ ދިޔައީ ސިޓީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: ރޮއިޓާސް
މެޗުގެ 37 ވަނަ މިނެޓުގައި ޓޮޓެންހަމް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ހެއުންގް މިން ސޮން ދިން ބޯޅައަކުން ޓޮޓެންހަމް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޑެލޭ އަލީއެވެ.
މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅު ޓޮޓެންހަމް އަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ސޮން އަށް ލިބުނު ފުރުސަތުން އުފެއްދި ހަމަލާ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ވިކްޓާ ވަންޔާމާ އުފެއްދި ހަމަލާ ސިޓީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ 51 ވަނަ މިނެޓުގައި ސިޓީ އަށް އުންމީދެއް ހޯދައި ދިނުމަށް އެ ޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ފެނާންޑީނިއޯ ދިން ބޯޅައަކުން އަގުއެރޯ އުފެއްދި ހަމަލާ އަމާޒުވީ ޓޮޓެންހަމް ގޯލުގެ ދަނޑިއަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް އާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޓޮޓެންހަމް މޮޅުވެފައިވަނީ 2-0 ލަނޑުން --- ފޮޓޯ: ރޮއިޓާސް
މެޗުގެ 65 ވަނަ މިނެޓުގައި ސިޓީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފެނާންޑީނިއޯ ކުރި ފައުލަކާ ގުޅިގެން ޓޮޓެންހަމް އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. ނަމަވެސް ޓޮޓެންހަމްގެ އާޖެންޓީނާ މިޑްފީލްޑަރު އެރިކް ލަމޭލާ ފޮނުވާލި ޕެނަލްޓީ، ސިޓީގެ ކީޕަރު ބްރާވޯ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފަހު 15 މިނެޓްތެރޭ ސިޓީގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ އެވެ. އެގޮތުން ސިޓީގެ ކެލެޗީ އިހިއާނާޗޯ އާއި އަގުއެރޯ އުފެއްދި ނުރައްކާތެރި ހަމަލާ މަތަކުރުމަށް ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް އަށް މަޖުބޫރުވިއެވެ.