02 Oct 2016, 22:40
ދުނިޔޭގެ ޖައްވުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ދުނިޔޭގެ އެކި ގައުމުތަކުން އެއްބަސްވެ، އެކުލަވާލި ޕެރިސް އެގްރިމެންޓު، އިންޑިއާއިން ތަސްދީގު ކޮށްފިއެވެ. މިއީ ޕެރިސް އެގްރިމެންޓު ތަސްދީގުކުރި 62 ވަނަ ގައުމެވެ.
ޕެރިސް އެގްރީމެންޓަކީ، ދުނިޔޭގެ ޖައްވުގެ ފިނި ހޫނުމިން، ސިނާއީ އިންގިލާބު (އިންޑަސްޓްރިއަލް ރިވޮލިއުޝަން)ގެ ކުރިން ހުރި މިންވަރާ އަޅަ ބަލާއިރު، ދެ ޑިގްރީ ސެލްސިއަސްއަށް މަތި ނުވާނެ މިންވަރެއްގައި ބެހެއްޓުމަށް ގައުމުތަކުން އެކުލަވާލި އެއްބަސްވުމެކެވެ.
ޕެރިސް އެގްރިމެންޓު ތަސްދީގު ކުރިކަމުގެ ލިޔެކިޔުންތައް، އިންޑިއާއިން މިއަދު ވަނީ އދ. އަށް ހުށަހަޅާފައެވެ. އެ ލިޔެކިޔުންތައް އދއާ ހަވާލުކުރެއްވީ، މަހާތުމާ ގާންދީގެ 147 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ދުނިޔޭގައި ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ނޮންވަޔަލެންސްއާ ގުޅުވައިގެން ނިއު ޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ހަފްލާއެއްގައި، އިންޑިއާގެ ފަރާތުން ނިއުޔޯކްގައި ހުންނަވާ ދާއިމީ ސަފީރު ސައީދު އަކްބަރުއްދީން އަލީއެވެ.

ނިއުޔޯކްގައި ހުންނަވާ އިންޑިއާގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ސައީދު އަކްބަރުއްދީން އަލީ، އިންޑިއާގެ ޕެރިސް އެގްރިމެންޓު ތަސްދީގުކުރުމުގެ ލިޔެކިޔުންތައް އދ. އާ ހަވާލު ކުރައްވަނީ --
ޕެރިސް އެގްރިމެންޓު ތަސްދީގު ކުރުމަށް އިންޑިއާގެ ކެބިނެޓުން ނިންމީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އދ. އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ދުނިޔޭގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 4.1 ޕަސަންޓު ހިއްސާކުރާ އިންޑިއާއިން ޕެރިސް އެގްރިމެންޓު ތަސްދީގު ކުރުމާ އެކު، އެ އެގްރިމެންޓަށް އަމަލުކުރަން ފެށުމަށް ބޭނުންވާ 55 ޕަސަންޓުގެ ލަނޑުދަނޑި ހާސިލުކުރުމަށް ބޭނުންވަނީ އިތުރު ތިން ޕަސަންޓު ހިއްސާ،" ކަމަށެވެ.
ޕެރިސް އެގްރިމެންޓުގައި ދުނިޔޭގެ 180 ގައުމަކުން ސޮއިކޮށްފައިވާ އިރު، އެ އެގްރިމެންޓުގައިވާ ކަންކަން އަމަލީ ގޮތުން ތަސްދީގުކުރަން ފަށާނީ މަދުވެގެން 55 ގައުމެއްގެ ސަރުކާރަކުން އެ އެގްރިމެންޓު ތަސްދީގު ކުރަން ނިންމުމުންނެވެ. އެ ގައުމުތަކުގެ ކާބަން އެމިޝަން ވެސް ދުނިޔޭގެ ޖުމްލަ ކާބަން އެމިޝަންގެ 55 ޕަސަންޓަށް ވާން ޖެހެއެވެ.
މި އަހަރު ނިމުމުގެ ކުރިން ޕެރިސް އެގްރިމެންޓު ތަސްދީގު ކުރުމަށް އިތުރު 14 ގައުމަކުން ވަނީ ވައުދުވެފައެވެ. އެ 14 ގައުމަކީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ 12 ޕަސަންޓު ހިއްސާކުރާ ގައުމުތަކެކެވެ.
ދުނިޔޭގެ ޖައްވަށް ވިހަ ގޭސް އެންމެ ގިނައިން ދޫކުރާ އެމެރިކާ އަދި ޗައިނާއިން ވެސް ވަނީ ޕެރިސް އެގްރިމެންޓު ތަސްދީގު ކޮށްފައެވެ.
ބައެއް ސިނާއީ ގައުމުތައް އެގްރިމެންޓުގައި ސޮއިކޮށްފައިވާ ނަމަވެސް އެގްރިމެންޓު ތަސްދީގު ކޮށްފައެއް ނުވެއެވެ. އޭގެ ތެރޭގައި ޖަޕާނު، ޖަރުމަނު، ފްރާންސް، ކެނެޑާ އަދި އޮސްޓްރޭލިއާ ހިމެނެއެވެ.