02 Oct 2016, 21:40
ޖޮހެނަސްބާގު(ރޮއިޓާސް) - ދޫނީގެ ވަގުފާރީގައި އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ އެފްރިކަން ގްރޭގެ ވިޔަފާރި ކުރުން ބައިނަލްއަގްވާމީ ގޮތުން މަނާކުރުމަށް އދ. އިން ނިންމައިފި އެވެ.
އިންސާނުން ވާހަކަދެއްކުމުން އެދައްކާ ވާހަކަ ނަކަލުކޮށްގެން ކިއުމުގެ ކުޅަދާނަކަން ލިބިފައިވާ އެފްރިކަން ގްރޭ އަކީ ދުނިޔޭގައި ޑިމާންޑު ބޮޑު ދޫންޏެކެވެ.
ނަމަވެސް ގަވާއިދާ ހިލާފަށް އެބާވަތުގެ ދޫނި ހިފައި ނުވަތަ މެރުމުގެ ސަބަބުން އަދި އެ އެއްޗެހި އުޅޭ މާހައުލަށް ދެމުންދާ ގެއްލުންތަކުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި އެފްރިކަން ގްރޭގެ އާބާދީ ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.
އެފްރިކަން ގްރޭގެ ވިޔަފާރިކުރުން، ބައިނަލްއަގްވާމީ ގޮތުން މަނާކުރަން ނިންމާފައިމިވަނީ ދެކުނު އެފްރިކާގެ ސިޓީއެއް ކަމަށްވާ ޖޮހެނަސްބާގުގައި ބޭއްވި، އދ. ގެ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް)ގެ މެމްބަރުންގެ މެދުގައި މިއަދު ނެގި ސިއްރު ވޯޓަކުންނެވެ.
ރާއްޖޭން ވެސް މެމްބަރުކަންކުރާ އެ ކޮންވެންޝަންގެ މެމްބަރުންގެ މެދުގައި ފުރަތަމަ ފަހަރަށް ސިއްރު ވޯޓެއް ނަގާފައިމިވަނީ ޖޮހެނަސްބާގުގައި ބޭއްވި ދެ ހަފްތާގެ ދިގު ބައްދަލުވުމަކަށްފަހު އެވެ.
ސައިޓީސް އިން ބުނީ، އެ ވޯޓުގެ ސަބަބުން އެފްރިކަން ގްރޭއަށް އެންމެ މަތީ ފެންވަރުގެ ހިމާޔަތްދިނުމަށްޓަކައި އެ ކޮންވެންޝަންގެ "އެޕެންޑިކްސް 1" ގައި އެ ދޫނި ހިމަނާފައިވާ ކަމަށެވެ. އެޕެންޑިކްސް 1 ގައި ހިމަނާ އެއްވެސް ޖަނަވާރެއް ނުވަތަ އެ ޖަނަވާރެއްގެ ބައެއް އެއްވެސް ގައުމަކަށް އެތެރެކޮށް ވިއްކުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.
އެފްރިކަން ގްރޭ އަކީ 1981 ވަނަ އަހަރުން ފެށިގެން ސައިޓީސްގެ "އެޕެންޑިކްސް 2" ގައި ހިމަނާފައިވާ ދޫންޏެކެވެ. އެ ލިސްޓުގައި ހިމެނޭނީ އެ ޖަނަވާރެއްގެ އާބާދީ މަދުވެދާނެ ކަމުގެ ކަންބޮޑުވުން އޮތުމުން، އެ ޖަނަވާރުގެ ވިޔަފާރި ވަކި ލިމިޓަކަށް ކުރުމުގެ ހުއްދަ ދީފައިވާ ޖަނަވާރުތަކެވެ.
"ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ގިނަވެގެން 1.5 މިލިއަން އެފްރިކަން ގްރޭ ވަނީ އެ އެއްޗެހީގެ މާހައުލުން ހިފައި ވިއްކާފައި. އަދި އެ ދޫންޏަކީ ސައިޓީސްގައި ހިމަނާފައިވާ ގުރާތަކުގެ ތެރެއިން ވިޔަފާރިއަށް އެންމެ ގިނައިން ވިއްކާފައިވާ ގުރާ،" އެމެރިކާގެ ފިޝް އެންޑް ވައިޑްލައިފް ސާވިސްގެ ޑިރެކްޓަރު އަދި ސައިޓީސްގައި އެމެރިކާ ތަމްސީލުކުރާ ޑޭން އޭޝް ވިދާޅުވި އެވެ.
ދަ އިންޓަނޭޝަނަލް ފަންޑް ފޯ އެނިމަލް ވެލްފެއާ (އައިފޯ) އިން ބުނާގޮތުގައި 1975 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 2.1 މިލިއަނާއި 3.2 މިލިއަނާ ދެމެދުގެ އަދަދަކަށް އެފްރިކަން ގްރޭ ވަނީ އެ އެއްޗެހީގެ މާހައުލުން ހިފައި، އޭގެ ވިޔަފާރިކޮށްފައެވެ.
ސައިޓީސްއަކީ 19 ޖުލައި 1975ގައި އިފްތިތާހުކުރެވި، މިއަދާއި ހަމައަށް 180 ގައުމެއް ބައިވެރިވެފައިވާ ކޮންވެންޝަންއެކެވެ. ސައިޓީސްގެ މެންބަރުކަން ރާއްޖެއަށް ލިބުނީ 12 މާރޗް 2013 ގައެވެ.