އިނގިރޭސި ޕްރިމިއާ ލީގުގައި ވޭލްސް މިޑްފީލްޑަރު ޖޯ އެލަން ކާމިޔާބުކޮށްދިން ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑް އަތުން ސްޓޯކް ސިޓީއަށް ޕޮއިންޓެއް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގައި މިއަދު ޔުނައިޓެޑާއި ސްޓޯކް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔުނައިޓެޑް ކުޅުނު ހަތް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި އޮތް އިރު، ހަތް ވަނައިގައި އޮތް ޗެލްސީއަށް ވެސް ކުޅުނު ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ޔުނައިޓެޑް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ސްޓޯކް އޮތީ ކުޅުނު ހަތް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ 19 ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ސްޓޯކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

މިއަދު ކުޅުނު އެ މެޗުގެ ތިން ވަނަ މިނެޓުގައި އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕައުލް ޕޮގްބާ ދިން ބޯޅައަކުން ސްޓޯކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިބްރަހިމޮވިޗް އުފެއްދި ދެ ހަމަލާއެއް ކީޕަރު ލީ ގްރާންޓް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ޕޮގްބާއަށް ލަނޑު ޖަހާނެ ތިން ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އެ ހަމަލާތައް ގޯލާ އަމާޒުވެފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ހުއާން މަޓާ އާއި ޖެސޭ ލިންގާޑް އުފެއްދި ހަމަލާއެއް ސްޓޯކްގެ ކީޕަރު ގްރާންޓް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ފަސް މިނެޓު ފަހުން ވެސް ޕޮގްބާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ލިންގާޑް ދިން ބޯޅައަކުން ޕޮގްބާ އުފެއްދި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ 56 ވަނަ މިނެޓުގައި ސްޓޯކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާކޯ އާނޯޓޮވިޗް ދިން ބޯޅަ، އެލަންއަށް ޔުނައިޓެޑްގެ ގޯލުގެ ތެރެއަށް ފޮނުވާލެވިފައެއް ނުވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި ސްޓޯކް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން ---

މެޗުގެ 69 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފްރާންސް ފޯވަޑް އެންތޮނީ މާޝިއަލް އެވެ. ސްޓޯކްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މާޝިއަލް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ސްޓޯކް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު ސްޓޯކަށް ކާމިޔާބުކޮށްދިނީ ވޭލްސް މިޑްފީލްޑަރު ޖޯ އެލަން އެވެ. އެ ލަނޑަށްފަހު ޔުނައިޓެޑްގެ އިބްރަހިމޮވިޗް އާއި ޕޮގްބާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެ އެވެ.