02 Oct 2016, 20:36
ޗައިނާގެ އެންމެ މަގުބޫލު ރަމްޒު ކަމުގައިވާ ބޮޑު ފާރު، ނުވަތަ "ދަ ގްރޭޓް ވޯލް"ގެ ދަށުގައި ރޭލްވޭ ސްޓޭޝަނެއް އަޅަން ނިންމައިފިއެވެ.
ދެހާސް ބާރަވަނަ އަހަރުގެ ވިންޓަރ އޮލިމްޕިކްސް އޮންނާނީ ޗައިނާގެ ޒަންޖިއަކޫގައެވެ.
ޗައިނާގެ ރަސްމީ މީޑިއާއިން ހާމަކޮށްފައިވާ ގޮތުން، ދުނިޔޭގައި ބިމުގެ އެންމެ އަޑީގައި ހަދާ އެންމެ ބޮޑު ރޭލްވޭ ސްޓޭޝަނެއް އެޅުމަށް އެގައުމުން އަންނަނީ ތައްޔާރުވަމުންނެވެ.
އެ ސްޓޭޝަން އަޅާން ނިންމާފައިވަނީ، ޗައިނާގެ ބޮޑުފާރުގެ، ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތް ކުރާ ސަރަހައްދު ކަމުގައިވާ ބަޑަލިންގ ގައެވެ. އެއީ ޗައިނާގެ ބެއިޖިންގްގެ ހުޅަނގު އުތުރުން 80 ކިލޯމީޓަރު ދުރެވެ.
ބެއިޖިންގ އާއި ޒަންޖިއަކޫއާ ގުޅުވައިދޭ ރެއިލްވޭ ސްޓޭޝަނެއް ބަޑަލިންގ ގައި އަޅަން ނިންމާފައިވަނީ ބިމުގެ 102 މީޓަރު އަޑީގައި، 36،000 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ. ޕީޕަލްސް ޑެއިލީ ނޫހުގައި ބުނާ ގޮތުން އެތަނުގެ ސައިޒު، ފުޓުބޯޅަ ކުޅޭ ފަސް ދަނޑުހާ ބޮޑު ވާނެއެވެ.
މި މަޝްރޫއު ހިންގާ ޗައިނާ ރެއިލްވޭ ނަމްބަރ5 އިންޖިނިއަރިންގ ގްރޫޕުގެ ކޮންސްޓްރަކްޝަން އިންޗާޖު ޗެން ބިން ވިދާޅުވީ، ބަޑަލިންގ ގައި އަޅާ ރެއިލްވޭ ސްޓޭޝަން ވާނީ ދުނިޔޭގައި ވެސް ބިމުގެ އެންމެ އަޑީގައި ހަދާ، އަދި އެންމެ ބޮޑު ހައިސްޕީޑު ރެއިލްވޭ ސްޓޭޝަނަށް ވާނެ ކަމަށެވެ.
ބަޑަލިންގ ގެ ރެއިލްވޭ ސްޓޭޝަން އަޅަނީ ބޮޑުފާރުގެ ދަށުގައިވާ ފަރުބަދަތަކުގެ އަޑީގައި ކަމަށް ވުމުން، ޗައިނާއިން ގެންދަނީ ފާރަށް ގެއްލުން ނުވާނެ ގޮތަކަށް ބިމު އަޑި ކޮންނާނެ ޓެކްނޮލޮޖީތަކެއް ހޯދަމުންނެވެ. ޗައިނާގެ ބޮޑުފާރަކީ ތަރިކައިގެ މަންޒިލެއް ނުވަތަ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ތަނެކެވެ.