06 Jun 2011, 19:39
ސާކު ގައުމުތަކުގެ މެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން އިންޑިއާގެ ކުންފުނިތަކަށް ދިވެހިރާއްޖޭގެ އިގްތިސޯދު ހުޅުވާލަން ދިވެހި ސަރުކާރުން މަސައްކަތް ކުރާތީ އިންޑަސްޓްރީތަކުން މިއަދު އެކަމާ ކަންބޮޑުވުން ފާޅުކޮށް، ކުންފުނިންތައް ބަނގުރޫޓުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިސްނަގައިގެން ވިޔަފާރިވެރިންނާއި ދައުލަތުގެ އިސް ފަރާތްތަކާ އެކު ނަސަންދުރާ ހޮޓެލްގައި މިއަދު ބޭއްވި މަޝްވަރާތަކުގައި ވާހަކަ ދެއްކެވި ޓޫރިޒަމް އިންޑަސްޓްރީ އާއި އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ބޭފުޅުން ވަނީ އެކަމުން ދިވެހި ކުންފުނިތައް ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރުދީފަ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ފަރާތުން ވާހަކަ ދެއްކެވި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު މަލީހު ވިދާޅުވީ ސާކު ގައުމުތަކުގެ މެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖޭގެ ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި އެހެނިހެން ސެކްޓާތަކަށް އިންޑީއާ ފަދަ ބޮޑު ގައުމެއްގެ ކުންފުނިތައް އަންނަން ފެށުމުން އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.
"މިހާރުވެސް ދުނިޔޭގެ މަޝްހޫރު ބޮޑެތި ޓްރެވަލް ވެބް ސައިޓްތަކުން ބުކިންސްހަދަން ފެށުމުން އަޅުގަނޑުމެންގެ ކުންފުނިތަކަށް އެބަ އަސަރުކުރޭ. އެހެންވީމާ އިންޑިއާ ފަދަ ގައުމެއްގެ ކުންފުނިތައް ރާއްޖެ އައިސް މިނިވަންކޮށް އިންވެސްޓް ކުރުމަކީ އަޅުގަނޑުމެންގެ މި އިންޑަސްޓްރީތަކަށް ވާނެ ގޮތަކާއި މެދު ވިސްނަން ޖެހޭ ކަމެއް،" މަލީހު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރާއްޖޭގެ އިގްތިސޯދުގެ ބޮޑު ބައެއް ހިއްސާ ކުރާ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ތަމްސީލުކުރާ ދިވެހި ކޮންޓްރަކްޓަރުންގެ ގައުމީ ޖަމްއިއްޔާ، މަސީގެ ފަރާތުން ވާހަކަދެއްކެވި އެ ކުންފުނީގެ ރައީސް މުހަންމަދު އަލީ ޖަނާހު (ޖަނާ) ވެސް ވިދާޅުވީ އެ އެގްރިމެންޓުގެ ދަށުން ކޮންސްޓްރަކްޝަންގެ ދާއިރާއަށް ވެސް އެއްވެސް ހިފެހެއްޓުމެއްނެތި އިންޑިއާގެ ކުންފުނިތަކަށް އައުމުގެ ޖާގަ އޮތުމުން ދިވެހި ކުންފުނިތައް ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ކުންފުނިތައް ވަރަށް ކުޑަ. އަޅުގަނޑުމެންނަށް ފޮނުވާފައި މި އޮންނަ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކުންފުނިތަކަށް ރާއްޖެ އާދެވިދާނެ. އޭރުން އަޅުގަނޑުމެންގެ މަސައްކަތުން ކޮޅަށް ނެގި ކުންފުނިތަކުގެ މުސްތަގުބަލެއް ނެތް،" ޖަނާހު ވިދާޅުވި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ވިދާޅުވީ، އެ އެއްބަސްވުމުގެ ކަންތައްތައް ވަރަށް ކައިރިން ބައްލަވައި އެކަމުގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައިދެއްވާނެ ކަމަށެވެ.
"އަޅުގަނޑުން ވަކިން ކަންބޮޑުވުންތައް ބަލައި ދިރާސާ ކުރާނަން،" އިނާޒް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާއާއި އާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ފަޖީލް ނަޖީބް ވެސް ބައިވެރިވެ ވަޑައިގަތް މަޝްވަރާތަކުގައި ވިޔަފާރިވެރިން ވަނީ ސަރުކާރުން މިހާރު ތަންފީޒު ކުރަން މަސައްކަތްކުރާ އައު ޓެކްސްގެ ނިޒާމާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ. އެގޮތުން ސަން ޓްރެވަލް އެންޑް ޓްއާޒްގެ ޗެއާމަން އަހުމަދު ސިޔާމް ވިދާޅުވީ ޓެކްސް ނެގުމަކީ ރަނގަޅު ކަމެއް ކަމަށެވެ. ނަމަވެސް ޓެކްސްގެ ނިޒާމަށް ވިޔަފާރިތަކުން އަހުލުވެރި ނުވެ ޓެކްސް ނަގުމަކީ ނުރައްކާތެރި ކަމެއްކަން ސިޔާމް ފާހަގަ ކުރެއްވި އެވެ.
"ޓެކްސް ދައްކަންޖެހޭނެ. އެކަމަކު އަޅުގަނޑުމެން ދުވާލަކު ޓެކްސް އެއް ނެގަން ފެށުމަކީ އަޅުގަނޑުމެން އިންޒާރުކުރަން އެއީ ވިޔަފާރިތައް ބަނގުރޫޓް ވާނެ ކަމެއް. ސަރުކާރު ބަގުރޫޓް ވީ ގޮތަށް ވިޔަފާރިތަށް ބަގުރޫޓް ކުރުން އެއީ،" ސިޔާމް ވިދާޅުވި އެވެ.
ޓެކްސްއެއް ނަގާނަމަ ވިޔަފާރިވެރިންނަށް ލުޔިތަކެއް ދިނުމަށްވެސް ސަރުކާރަށް ވިޔަފާރިވެރިން ގޮވާލި އެވެ. އެގޮތުން ރިސޯޓުތަކުގެ މުއްދަތު މިހާރަށް ވުރެ އިތުރު ކުރުމާއި އިންވެސްޓަރުންނަށް އިތުބާރު ދެމެހެއްޓޭނެ ވެއްޓެއް ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.
ވިޔަފާރިކުރުމުގައި އެބޭފުޅުންނަށް ދިމާވާ އެންމެ ބޮޑަތި ދަތިތަކުގެ ގޮތުގައި ފާހަގަ ކުރެއްވީ ޑޮލަރު ލިބުން ދަތިވުމާއި އަދި ކެޕިޓަލް ހޯދޭނެ ގޮތްތަކެއް ނެތުމެވެ. އެ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވީ ބޭންކިން ނިޒާމް ހަރުދަނާ ކުރުމާއި ކުޑަ އިންޓަރެސް ރޭޓެއްގައި ބެހެއްޓުމާއި ރުފިޔާ ޑޮލަރު ސްވޮޕެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ގާއިމް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ރަނގަޅު ދަނޑިވަޅުތަކަށް ބަލައިގެން މިނިމަމް ރިޒާވް ހަރުދަނާ ކުރުމާއި އަދި ލެންޑިން ރޭޓް މިހާރަށް ވުރެ ދައްކުރަން،" ފަޒީލް ވިދާޅުވި އެވެ.
މިއަދުގެ މަޝްވަރާތަށް ނިންމާލީ އޭގެ ސިލްސިލާ މަޝްވަރާތަކެއް ބޭއްވުމަށް ޖަމްއިއްޔާތަކުގެ ބޯޑަށް ހުށަހަޅާ ފާސްކުރާ ގޮތަށް ނިންމާފަ އެވެ.
ރާއްޖޭގެ އިގުތިސާދު އިންޑިއާ ކުންފުނިތަކުގެ ބާރުގެ ދަށަށް ހިނގައިދާނެ ކަމާ މެދު ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިހާރުވެސް ރާއްޖޭގައި އިންޑިއާގެ ކުންފުނިތައް ވަނީ އިންވެސްޓްކޮށްފަ އެވެ. އެގޮތުން މާލެ އެއާޕޯޓް މިހާރު ހިންގަނީ އިންޑިއާގެ ޖީއެމްއާރް ކުންފުނިންނެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ހައި ސްކޫލާއި އަދި ބިލަބޮނގް ހައި ސްކޫލްގެ ވެސް ހިންގަނީ އިންޑިއާގެ ފަރާތްތަކާ ގުޅިގެންނެވެ. މީގެ އިތުރުން އިންޑިއާގެ ޓާޓާ ކުންފުނިން ފްލެޓް އެޅުމުގެ މަސައްކަތްވެސް ކުރަމުންދާއިރު އިންޑިއާގެ މަޝްހޫރި އިންޝުއަރެންސް ކުންފުނިތައް ވަނީ ހިންގަމުން އެބަދެ އެވެ