02 Oct 2016, 16:36
އާސެން ވެންގާއަކީ އިނގިރޭސި ކްލަބްތަކުގެ ކޯޗުންގެ ތެރޭން އެއް ކްލަބެއްގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރި އެއް ކޯޗެވެ. އަދި މިހާރު ޚިދުމަތުގައި ހުރި އެންމެ ގިނަދުވަސްވީ ކޯޗެވެ. އިއްޔެއަކީ އާސެނަލްގެ ކޯޗު ކަމުގައި ވެންގާ ޚިދުމަތްކުރަމުންދާތާ ބަރާބަރު 20 އަހަރު ފުރުނު ދުވަހެވެ.
ފަހުގެ ތާރީޚަށް ބަލާއިރު، ވެންގާގެ ކާމިޔާބީ ފާހަގަ ނުކުރެވުނަސް، އޭނާ އާސެނަލްގައި ހޭދަކުރި ކާމިޔާބު ދުވަސްތަކަކީ ފުޓްބޯޅައިގެ ތާރީޚުން ފޮހެލެވޭނެ ވާހަކަތަކެއް ނޫނެވެ. އެކަން، ބޮޑެތި މަޝްހޫރު ކްލަބުތަކުގެ އަމަލުތައް ކުރީން ހުރިގޮތުން ވެސް އެނގި ފާޅުވެއެވެ.
އިނގިރޭސި ކްލަބެއްގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށް އެންމެ ކާމިޔާބު ކޯޗުގެ ގޮތުގައި، ރިޓަޔާކޮށްފައި ވަނީ، މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާރ އެލެސް ފާގަސަންއެވެ. އޭނާ ކޯޗުކަމުން ވަކިވީ، އެކަމަށް އޭނާ ބޭނުންވިތާ 11 އަހަރު ފަހުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީ ސްޓާރގައި ވާގޮތުން، 2002 ވަނަ އަހަރު ފާގަސަން ޔުނައިޓެޑް ދޫކޮށްލަން ބޭނުންވިއެވެ. އަދި އޭނާގެ ރިޓަޔަމަންޓުގެ ކުރީން ޔުނައިޓެޑުން ކޯޗަކު ހޯދުމަށް މަސައްކަތް ފަށައި، ފާގަސަންގެ ބަދަލުގައި ޔުނައިޓެޑަށް ދެން ގެންނާނޭ ކޯޗުންގެ ލިސްޓުގެ އެންމެ ކުރީގައި ވެންގާގެ ނަން ހިމެނިއެވެ. އެހެން ނަމަވެސް ރިޓަޔާރކުރުމަށް ފާގަސަން ނިންމި ނިންމުން އަލުން މުޠާލިއާކޮށް އިތުރު 11 އަހަރު ދުވަހު ޔުނައިޓެޑްގައި މަޑުކުރީއެވެ.
ބުނެވޭގޮތުގައި އޭރު، ވެންގާ ގެނައުމަށް ޔުނައިޓެޑުން ދެއްކި އެންމެ ބޮޑު މަންޒަރަކީ، ޓްރޮފީތަކެވެ. އަދި ކާމިޔާބު ކްލަބަކާއެކު ކުރިއަށް ދާން ބޭނުންނަމަ ޔުނައިޓެޑާ ގުޅުމަށް ވެންގާއަށް ދައުވަތު ދެވުނެވެ. އެހެން ނަމަވެސް، ވެންގާ އިހްތިޔާރުކުރީ އާސެނަލްގައި މަޑުކުރުމަށެވެ.
ޖެހިގެން އައި، 2003-04 ފުޓްބޯޅަ ސީޒަންގައި ވެންގާ ވަނީ، އާސެނަލްގެ ހަގީގީ ކުލަ ޔުނައިޓެޑަށާއި ވާދަވެރި އެހެން ކްލަބުތަކަށް ވެސް ދައްކާލައިފައެވެ. އެއީ އެއްވެސް މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރުމެވެ. އިނގިރޭސި ފުޓްބޯޅައިގައި "ދަ އިންވިންސިބްލްސް" ލަގަބު ހޯދާފައި ވަނީ ހަމަ އެންމެ ދެޓީމެވެ. އެއީ 1880 ވަނަ އަހަރު ވިލިއަން ސިއުޑެލްގެ ކޯޗު ކަމުގައި ޕްރެސްޓަން ނޯތު އެންޑުން ވަނީ، މެޗަކުން ބަލިނުވެ ލީގުކަޕް ހޯދައިފައެވެ. ދެން އިނގިރޭސި ފުޓްބޯޅައިގައި އެފަދަ ކާމިޔާބެއް ހޯދުނީ، ހަމަ އެކަނި ވެންގާއަށެވެ.
އިނގިރޭސި ފުޓްބޯޅައިގައި އެއް ކްލަބަކަށް އެންމެ ގިނަ ދުވަހު ޚިދުމަތްކުރި ކޯޗަކީ، 1986 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ފަހު، 2013 ވަނަ އަހަރު ކޯޗުކަމުގެ މަގާމުން ރިޓަޔާކުރި ފާގަސަންއެވެ. އޭނާ ވަނީ އެ ކްލަބާއެކު، 38 ޓްރޮފީ ހާސިލްކޮށްފައެވެ. އޭގެ ތެރޭގައި، ޕްރިމިއަ ލީގު 13 ފަހަރު، އެފްއޭ ކަޕް 5 ފަހަރު، ޗެމްޕިއަންސް ލީގު 2 ފަހަރު ހިމެނެއެވެ. ފާގަސަން ޔުނައިޓެޑާ ވަކިވީ ވެސް އެޓީމަށް އެސީޒަންގެ ޕްރިމިއަ ލީގު ކާމިޔާބުކޮށްދިނުމަށް ފަހުއެވެ.
ކާމިޔާބުގެ ގޮތުން ފާގަސަންގެ ޔުނައިޓެޑާ އެއްވަރު ނުކުރެވުނު ނަމަވެސް، މިހާރުވެސް އިނގިރޭސި ކްލަބުތްކުގެ ތެރޭން، އެއް ފެންވަރެއްގައި ބަދަލުވުމެއް ނެތި ކުރިއަށްދާ ކްލަބަކަށް ވެންގާގެ އާސެނަލް ވާނެއެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ވެންގާއަށް ކުރިމަތިވަމުންދާ ފާޑުކިޔުންތައްވެސް މަދެއް ނޫނެވެ.
ވެންގާވަނީ އާސެނަލާއެކު، ޕްރިމިއާ ލީގު 3 ފަހަރު، އެފްއޭ ކަޕް 6 ފަހަރު، އަދި ކޮމިއުނިޓީ ޝީލްޑް 6 ފަހަރު ކާމިޔާބުކޮށްފައެވެ.